ސަލްމާން މިސްކިތުގެ އިމާމު އަބްދުލްޖަލީލް އިސްމާއިލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މިމަހުގެ 19، ގައި ކަމަށެވެ.

މީގެ ދެ އަހަރުކުރިން 2 ޖެނުއަރީ 2022 ގައި މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހއ. ހޯރަފުށި، ޑީންސްވިލާގޭ، ހާޝިމް މުހައްމަދުގެ ހުރިހާ ވިޔަފާރި މަކަރާއި ހީލަތުން އާއިލާއަށް ނޭނގި ޖަލީލުގެ ނަން މައްޗަށް ބައްދަލުކުރި ކަމުގެ ތުހުމަތު ހާޝިމްގެ އާއިލާއިން ވަނީ ކޮށްފަ އެވެ.

ހާޝިމްގެ އާއިލާއަށް އެނގުމަކާނުލާ ހާޝިމް ގެންގުޅު ބިދޭސީއަކާ ޖަލީލު ގުޅިގެން ހާޝިމްގެ ވިޔަފާރީގެ ހުރިހާ މުދާލާއި ކުންފުނި ވިއްކާލާފައިވާ ކަމަށް ހާޝިމްގެ ދަރި ބުނެ އެވެ. ވިއްކި މުދަލަށް ލިބުނު ފައިސާއާއި ކުންފުނީގެ މުދަލަށް ވީގޮތް އާއިލާއަށް އަންގާފައި ނުވާކަމަށް އޭނާ ބުންޏެވެ.

ހާޝިމްގެ އާއިލާގެ ދެ އަންހެނަކާ ޖަލީލުއާއި ފިހާރައެއް ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ހާޝިމްގެ އާއިލާއަށާއި ޖަލީލުއަށް ވެސް އިރުޝާދު ދީފައިވާނެ ކަމަށެވެ.

ސަލްމާން މިސްކިތުގެ އިމާމަކަށް ޖަލީލް ހަމަޖައްސާފައި ހުންނަނީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގަ އެވެ.