އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސް ކަންތައްކުރެއްވި ގޮތާ މެދުގައި ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ.

އޯޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއުއެއްގައި ހެރީ ވިދާޅުވިގޮތުގައި އޭނާގެ މަންމަ ޕްރިންސަސް ޑަޔާނާ ދުނިޔޭގައި ހުރިނަމަ މޭގަން އާމެދު ޝާހީ އާއިލާއިން ކަންތައް ކުރައްވާ ގޮތާމެދު ރުޅިދުރުވެ، ހިތާމަކުރައްވާނެ އެވެ.

ސީބީއެސް އިން ދެއްކި އެ އިންޓަވިއުގައި މޭގެން ނެތް ނަމަ އޭނާ ޝާހީ އާއިލާއިން ވަކިވެވަޑައެއް ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޝާހީ އާއިލާގައި އުޅުމުން "ބަންދުވެފައި ހުރިނަމަވެސް އޭގެކުރިން އެކަން ނުވިސްނޭ،" ކަމަށް އިނގިރޭސިވިލާތުގެ ޕްރިންސް ވިދާޅުވި އެވެ.

"ބައްޕަ ކަންތައް ކުރި ގޮތާމެތު އެހާ ދެރަވަނީ ބައްޕަ ވެސް އެފަދަ ކަމެއް ތަހައްމަލްކޮށްފައިވާތީ އެކަމުގެ ވޭން ބައްޕަ އަށް އެނގޭނެތީ. ބައްޕަ ދެކެ އަބަދުވެސް ލޯބިވާނަން އެކަމަކު ވަރަށް ދެރަވޭ،" ޕްރިންސް ހެރީ ވިދާޅުވި އެވެ.

"އަހަރެންގެ އާއިލާއިން ވަނީ އަހަންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލާފައި. އެކަމަކު މަންމަ ވަނީ މިފަދަ ހާލަތެއްގައި ވެސް އަހަރެމެންނަށް އުޅެވޭނެ ގޮތް ހޯދާދީފައި،" ހެރީ ވިދާޅުވި އެވެ.