މީގެ ދެ އަހަރު ކުރިން ގެއެއްގެ ތެރޭގައި މަރުވެފައިވާ އޮއްވާ ފެނުނު ވިޔަފާރިވެރިޔާ، ހއ. ހޯރަފުށި ޑީންސްވިލާ، ހާޝިމް މުހައްމަދު، 44 ގެ މަރާ ގުޅޭ އިތުރު ކަންތައްތަކެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފި އެވެ.

ހާޝިމް މަރުވެފައި އޮއްވާ ފެނިފައިވަނީ ޖެނުއަރީ 2، 2022 ގައި މާފަންނުގައި ހުންނަ ގެޔަކުންނެވެ. ފުރަތަމަ ހާޝިމްގެ މަރާ ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަމަށް ބުނެ، ފުލުހުން ތަހުގީގުކުރުމަށްފަހު، އެފަދަ މައްސަލައެއް ނެތް ކަމަށާއި ހާޝިމް ނިޔާވީ ވެއްޓި ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލާގެ ތަހުގީގު ނިންމާފައި ވަނިކޮށް އާއިލާއިން ކަންބޮޑުވުން ތަކެއް ހިއްސާކޮށްފައި ވާތީ، އެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާކަމަށެވެ.

މީގެ އިތުރުން ނޫސްވެރިއަކު ފުލުހުންނާ ކޮށްފައިވާ ސުވާލަކަށް ޖަވާބުދެމުން ބުނެފައިވަނީ ހާޝިމް މުޙައްމަދުގެ މަރުގެ މައްސަލާގެ ތަހުގީގަށް އޭނާގެ ފޯނު ގެންދިޔަކަމަށާ، ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތަކަށްފަހު ފޯނު އާއިލާއާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އިތުރު އެއްވެސް އިލެކްޓްރޯނިކް އާލާތެއް މި މައްސަލާގެ ތަހުގީގަށް ގެނެސްފައެއް ނުވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ހާޝިމްގެ މަރުގެ މައްސަލަ ދެ އަހަރުފަހުން ފެންމަތިވެފައިމިވަނީ، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ސަލްމާން މިސްކިތުގެ އިމާމަކަށް އައްޔަންކޮށްފައި ހުންނަ އަބްދުލް ޖަލީލު އިސްމާއިލް ހާޝިމްގެ ހުރިހާ ވިޔަފާރިއެއް އާއިލާއަށް ނޭނގި މަކަރާ ހީލަތުން ފޭރިގަނެފައިވާ ކަމަށް ހާޝިމްގެ އާއިލާއިން ތުހުމަތުކުރުމާ ގުޅިގެނެވެ.

ފުލުހުން މިހާރު ގެންދަނީ ޖަލީލު އޮޅުވާލައިގެން ސައްހަނޫން ލިޔުމެއް އުފެއްދިކަމަށް ބުނާ މައްސަލައެއް ބަލަމުންނެވެ.