ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދަތުރުކުރަމުންދިޔަ ސުކޫލު ބަހެއްގައި ރޯވެ، މަރުވި އަދަދު 25 އަށް އަރާކަމަށް ލަފާކޮށްފި އެވެ.

މިއަދު 44 ސުކޫލު ކުދިންނާއި ޓީޗަރުން އަރުވައިގެން ދަތުރު ކުރި ބަހުގައި ރޯވެ މަރުވި އަދަދު ކަށަވަރު ނުވާއިރު، ބަހުގައި ތިބި 16 ކުދިންނާ ތިން ޓީޗަރަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެދުތެރޭ އުތައި ތާނީ ޕްރޮވިންސުން އަޔުއްތަޔާއަށް ދަތުރުކުރަމުން ދިޔަ މި ބަހުގައި އަލިފާން ރޯވާން ފެށީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ބަހުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކުން ފެންނަގޮތުން ބަހުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފަ އެވެ. އަލިފާން ނިއްވާލިތާ އިރުގަނޑެއް ވެފައިވާއިރު، އަދިވެސް ބަހުގައި ހޫނު ގަދަކަމުން ބަސް ތެރެއަށް ވަދެވޭގޮތް ނުވާކަމަށް އެ ގައުމުގެ ރެސްކިއު ޓީމުން ބުނެ އެވެ.

މި ހާދިސާ ތަހުގީގު ކުރަމުންދާކަމަށް އެ ގައުމުން ބުނެ އެވެ.