މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލޭގެ ދެ ސަރަހައްދުގައި ވަގުތީ ނިޒާމު ގާއިމްކޮށްފި އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިމެންދެން، މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިއަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހު އެވެ.

ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ވަގުތީ ނިޒާމެއް ގާއިމްކޮށްފައިވާ ދެ ސަރަހައްދަކީ ވެސްޓް ޕާކު ހިމެނޭ ސަރަހައްދާއި ވިލިގިނލީ ފެރީ ޓާމިނަލް ހުރި ސަރަހައްދެވެ. މިހާރު ފެން ހިންދާ ވަގުތީ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ އައިޖީއެމްއެޗް ހުރި ސަރަހައްދުގައިކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

އައިޖީއެމްއެޗް ސަރަހައްދުގެ މަސައްކަތް ނިމުމުން، ދެން މި މަސައްކަތް ކުރާނީ އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފްގެ އިސްނެގުމުގެ މަތިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަންނީ އެހީތެރިކަމާއެކު އެވެ. މި މަސައްކަތް ކުރަނީ އާރުޑީސީންނެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި އާންމުކޮށް އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގަ އެވެ.

އެންމެފަހުން އޮގަސްޓު މަހު މާލެއަށް ކުރި ވިއްސާރައިގައި މާލޭގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަނުމުގެ ސަބަބުން 43 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.