ސްކޫލް ބަންދާ ދިމާކޮށް ރާއްޖޭގެ ކުޑަކުދިންނަށް ލިބުނު އެންމެ އުފާވެރި ހަބަރަކަށް ވެގެންދިޔައީ އެކުދިންގެ ހީރޯ ރޮބޯމޭންގެ ފިލްމު "ރޮބޯމޭން – ދަ މޫވީ" އޮލިމްޕަސް ސިނަމާގައި އެޅުވުމެވެ. ޒަމާންތަކަކަށްފަހު ކުޑަކުދިންނަށްވެސް އޮލިމްޕަހަށް ގޮއްސަ ސިނަމާގައި ފިލްމެއް ބަލާލަންދާން ފުރުސަތު ލިބިގެންދިޔައީ މި ފިލްމާއެކު އެވެ.

ސެޕްޓެމްބަރު 26ވަނަ ދުވަހު މި ފިލްމު ރިލީޒްކުރުމާއެކު މި ފިލްމަށްދަނީ ގިނަބައެއްގެ ތަރުހީބު ލިބެމުންނެވެ. އެންމެ ފާހަގަކުރެވޭ އެއްކަމަކީ ކުރިން ބެލެވުނު ގޮތާ ހިލާފަށް ކުޑަކުދިންނެކޭ އެއްވަރަށް ބޮޑެތި މީހުންނަށްވެސް މި ފިލްމު ކަމުދިއުމެވެ. ރައްޓެހިން ގްރޫޕް ހަދާފައި އޮލިމްޕަހަށް މި ފިލްމު ބަލަންދާ މަންޒަރު އޮލިމްޕަސް ސިނަމާ ކައިރި ބަލާލީމަ އެބަ ފެނެއެވެ. އެހެންކަމުން މި ފިލްމަކީ ހަމައެކަނި ކުޑަކުދިންގެ ފިލްމެކޭ މިހާރު ބުނެވޭކަށްނެތެވެ. ރޮބޯމޭން – ދަ މޫވީ އަކީ ބޮޑެތި މީހުންގެވެސް ފިލްމެކެވެ. އަދި ރޮބޯމޭންއަށް ބޮޑެތި މީހުންގެ މެދުގައިވެސް އޮތް މަގްބޫލުކަން ވަރަށް ސާފުކޮށް އެބަ ފެނިގެންދެ އެވެ.

ރޮބޯ މޭން މި ފިލްމަކީ ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އޯކޭޒް އިންކް އަދި މީޑިއާނެޓްގެ ވީޑިއޯކްލަބް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ބަލަން ދިޔަ ފަރާތްތަކުންދަނީ މި ފިލްމަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. ހާއްސަކޮށް ރޮބޯމޭން އާއެކު މި ފިލްމުގެ މައިރޯލުން ފެނިގެންދާ އަމީލިއާ އަދި މިޝާގެ އެކްޓިންގް އާއި ނެށުމުގެ ހުނަރުތައް ގިނަބަޔަކަށްވަނީ ކަމުގޮއްސައެވެ. މި ފިލްމުގައި މުޖުތަމައަށް ވަރަށް ފުރިހަމަ މެސެޖުތަޖެއްވެސް ވަނީ ދޫކޮށްލާފަ އެވެ. ޚާއްސަކޮށް އާއިލީ ގުޅުންތަކުގެ މުހިންމުކަން ވަރަށް ފުރިހަމައަށްވަނީ ގެނެސްދީފަ އެވެ.

މި ފިލްމު ބަލާލުމަށް 30 ސެޕްޓެމްބަރުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުވެސް ވަނީ ފިޔަވަތި ހިޔާގައި ތިބޭ ކުޑަކުދިންނާއެކު އޮލިމްޕަސް ސްކްރީނަށް ވަޑައިގެންފަ އެވެ. މި ފިލްމުގެ ޝޯވްތައް އަންނަ ހޮނިހިރު ދުވަހާ ހަމައަށް އޮލިމްޕަސް ސްކްރީނުގައި އަޅުވާނެ އެވެ. ޓިކެޓް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓް ލިބިވަޑައިގަންނަވާނެ އެވެ. މި ފިލްމު މިހާރުދަނީ ބައެއް ރަށްރަށުގައި އެޅުވުމަށްވެސް ތައްޔާރުވަމުންނެވެ.