އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ތިން ލައްކަ ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ހަދިޔާ ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ ކުރީގެ ވަޒީރަކު އެއް އަހަރަށް ޖަލަށް ލުމަށް ސިންގަޕޫރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ކެބިނެޓު މެމްބަރެއްގެ ގޮތުގައި 13 އަހަރު ހިދުމަތްކުރެއްވި އެސް އިސްވަރަން އަކީ ވިޔަފާރީގެ ދާއިރާއާއި މުވާސަލާތީ އަދި ދަތުރުފަތުރުގެ ވުޒާރާތައް ފުރުއްވާފައިވާ މިނިސްޓަރެކެވެ. އޭނާ ވަނީ ނުހައްގުން ހަދިޔާ ލިބުމުގެ ހަތަރު ދައުވާއަކާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާއަށް އިއުތިރާފުވެފަ އެވެ.
ކޯޓުން ބުނީ އުމުރުން 62 އަހަރުގެ އިސްވަރަން އަށް ކުރިއަށް އޮތް ދުވަސްތަކުގައި ކަފާލާތުގެ ދަށުން ހުރުމުގެ ހުއްދަ ދީ، އަންނަ ހޯމަ ދުވަހު އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.
ހުކުމްގައި ބުނެފައިވަނީ އިސްވަރަން މި ހަދިޔާތައް ހޯދުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ސިންގަޕޫރަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއިން ދައްކާ ގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ އެންމެ ކޮރަޕްޝަން މަދު ފަސް ގައުމުގެ ތެރޭގައި އެ ގައުމު ހިމެނެ އެވެ.
ސިންގަޕޫރުގެ ވަޒީރަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންމެ ފަހުން ބަލާފައިވަނީ 1986 ވަނަ އަހަރު އެވެ. އެފަހަރު އެ ގައުމުގެ ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މައްޗަށް ރިޝްވަތު ހިފުމުގެ ތުހުމަތުގައި ތަހުގީގު ކުރިނަމަވެސް ދައުވާ ކޯޓަށް ހުށަހެޅުމުގެ ކުރިން އޭނާ ވަނީ މަރުވެފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ހުންނަވައިގެން އިސްވަރަން ވިޔަފާރިވެރިންގެ ހަދިޔާތައް ބަލައިގަތް އިރު، އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ފުޓްބޯޅަ މެޗުގެ ޓިކެޓާއި، ސިންގަޕޫރު ފޯމިއުލާ 1 ގްރޭންޑް ޕްރީ އާއި ލަންޑަން މިއުޒިކަލްގެ އިތުރުން ޕްރައިވެޓް ޖެޓެއްގައި ދަތުރު ކުރުން ހިމެނެ އެވެ.
އެ ހުރިހާ ހަދިޔާއެއްގެ އަގު ހަތަރު ލައްކަ ސިންގަޕޫރު ޑޮލަރަށް ވުރެ މައްޗަށް އަރާ ކަމަށް ދައުވާގައި ވެ އެވެ. ޓްރާންސްޕޯޓް މިނިސްޓަރުކަމުން އިސްވަރަން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހު މި މައްސަލައިގެ ދައުވާ އުފުލުމުން، އެ މަގާމުގައި ތިން އަހަރަށް ވުރެ ކުރު މުއްދަތަކަށް ހުންނެވުމަށް ފަހު އެވެ.
އިސްވަރަން އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށާއި އޭނާގެ ނަން ސާފުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް ފަހުން ކޯޓަށް ހުށަހެޅި ފަސް ދައުވާއަށް އޭނާވަނީ އިއުތިރާފުވެފަ އެވެ.
ދައުލަތުން ފުރަތަމަ އޭނާގެ މައްޗަށް 35 ދައުވާއެއް އުފުލި ނަމަވެސް ކުރިއަށް ދިޔައީ ފަސް ދައުވާއެކެވެ.