ޔޫއޭއީގެ ދުބާއީގައި ލަމްބޮގިނީ ކާރެއް ވަގަށް ނަގަން އުޅުނު ބަޔަކު ދުބާއީގެ ފުލުހުން ހައްޔަރު ކޮށްފި އެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ކާރުތަކުގެ ތެރޭގައި ހިމެނޭ، މި ކާރަކީ 353،938 ޑޮލަރުގެ ކާރެކެވެ.

އިރުމަތީ ޔޫރަޕުގެ ގައުމެއްގެ ހަތަރު މީހަކު ހައްޔަރު ކޮށްފައިވަނީ ކުއްޔަށް ދިން އެ ކާރު ގެއްލިގެން، ކުއްޔަށް ދިން އޮފީހުން ފުލުހުންނަށް ދިން މައުލޫމާތުގެ އަލީގަ އެވެ.

ފުލުހުން އެ މީހުން ހޯދުމަށް ފަހު އެތައް ދުވަހަކަށް ފަހުން، އެ މީހުން ފިލައި ތިބި ތަން ވަނީ ރެއިޑްކޮށްފަ އެވެ. އެތަނުން ފުލުހުންނަށް ނަންބަރު ޕްލޭޓް ފޯޖު ކުރަން ގެންގުޅޭ ސާމާނާއި ފޯޖު ކޮށްފައިހުރި ނަންބަރު ޕްލޭޓްތައް ފެނުނެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ އެކްޓިން ޑިރެކްޓާ ކާނަލް އަޑެލް އަލް ޖޯކާ ވިދާޅުވި ގޮތުގައި އެ މީހުން އެކާރު ކުއްޔަށް ހިފީ ކާރު ވަގަށް ގައުމުން ބޭރައް ގެންދިއުމުގެ ބޭނުމުގައި ކަމަށް އެއްބަސްވެފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނިގޮތުގައި ފުލުހުން ކާރާއި ކާރު ވަގަށް ނަގަން މަސައްކަތް ކުރި މީހުން ހޯދާފައި ވަނީ "އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ" ބޭނުން ކޮށްގެންނެވެ. -- އަލް އަރަބިއްޔާ