އެމެރިކާއިން ޔަމަނުގެ ވެރިރަށް ސަނާ އާއި ބަނދަރުގެ މައި ސިޓީ ކަމަށްވާ ހުދައިދާގެ އިތުރުން އެ ގައުމުގެ ގިނަ ސިޓީތަކަކަށް ހުކުރު ދުވަހު ހަމަލާދީފި އެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އަސްކަރީ ކޮމާންޑް ކަމަށްވާ ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ސިފައިން އިއްޔެ ވަނީ އީރާނުން ތާއީދުކުރާ ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި ވާ ސަރަހައްދުތަކުގައި ތިބި ހޫތީންގެ 15 އަމާޒަކަށް ހަމަލާދީފައި ވާކަމަށް ބުނުފަ އެވެ.

ހޫތީން ހިންގާ އަލް މަސީރާ ޓީވީ ނެޓްވޯކުން ބުނި ގޮތުގައި ސަނާއަށް އަމާޒުކޮށް ހަތަރު ހަމަލާއެއް ދީފައިވާއިރު ހަތް ހަމަލާއެއް ހުދައިދާއަށް ވަނީ އަމާޒުވެފަ އެވެ. އޭއެފްޕީ ނިއުސް އެޖެންސީގެ ކޮރެސްޕޮންޑެންޓުން ވެސް ވަނީ އެ ދެ ސިޓީގައި ބާރު ގަދަ ގޮވުންތަކެއް އިވިފައިވާ ކަމަށް ބުނެފަ އެވެ.

އަލް މަސީރާއިން ރިޕޯޓްކޮށްފައިވާ ގޮތުން ހޫތީންގެ ބާރުގެ ދަށުގައި ވާ އަސްކަރީ މަރުކަޒެއް އޮންނަ އެއާޕޯޓާއި ކަތެއިބް ސަރަހައްދަށް ހުދައިދާއަށް ދިން ހަމަލާތައް އަމާޒުވި ކަމަށެވެ.

ހޫތީ މީޑިއާ އޮފީހުން ބުނީ ދަމާރު ޕްރޮވިންސަށް އެއް ހަމަލާ ދީފައިވާއިރު ސަނާގެ އިރު ދެކުނުގައި އޮންނަ ބައިދާ ޕްރޮވިންސަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ.

"މި ފިޔަވަޅުތައް އެޅީ ކަނޑުދަތުރުފަތުރުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް، އެމެރިކާ، ކޯލިޝަން އަދި ވިޔަފާރީގެ އުޅަނދުތަކަށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދު ރައްކާތެރި ކުރުމަށް،" ސެންޓްކޮމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެ އެވެ.

ނަން ހާމަނުކުރާ އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން ބުނީ ހަމަލާތައް އަމާޒުކޮށްފައިވަނީ ހޫތީންގެ ހަތިޔާރުގެ ސިސްޓަމްތަކާއި ބޭސްތަކާއި އެހެނިހެން އާލާތްތަކަށް ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔަމަނުގެ ހޫތީންގެ އަމާޒުތަކަށް އެމެރިކާއިން ތަކުރާރުކޮށް ހަމަލާ ދީފައި ވަނީ ރަތް ކަނޑުގެ ސަރަހައްދާއި ގަލްފް އޮފް އެޑަންގައި ޝިޕިންއަށް އެ ޖަމާއަތުން ދިން ހަމަލާތަކާ ގުޅިގެންނެވެ.

ހޫތީން ބުނަނީ ދުނިޔޭގެ މުހިންމު ކަނޑުގެ މަގެއްގެ ކަނޑުދަތުރުފަތަށް ބުރޫ އަރާފައިވާ އެ މީހުންގެ ހަމަލާތަކަކީ އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށާއި އެއީ އިޒްރޭލުން ގާޒާގައި ކުރަމުންދާ ހަނގުރާމައަށް ދެކޮޅު ހެދުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށެވެ.

އިޒްރޭލުން ލުބުނާނުގައި ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން މަރުވުމާ އެކު، ހޫތީން ވެސް ދަނީ އިޒްރޭލުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

އިޒްރޭލުން މިދިޔަ މަހު ހުދައިދާއަށް ދިން ހަމަލާތަކުގައި ފަސް މީހަކު މަރުވެފައި ވާއިރު އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލަކުން ހަމަލާދިން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

އެންމެ ފަހުގެ ހަމަލާތައް ދީފައި މިވަނީ ހޫތީން ތެލްއަވީވްއަށް ޑްރޯން ހަމަލާއެއް ދިން ކަމަށް ބުނެފައި ވަނިކޮށެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން އިތުރު ތަފްސީލެއް ނުދީ ބުނެފައިވަނީ ރޭގަނޑު އިޒްރޭލުގެ މެދުތެރޭ ސަރަހައްދުން "ޝައްކުކުރެވޭ ވައިގެ ހަމަލާއެއް" ހުއްޓުވި ކަމަށެވެ.

މިފަހަރު ޔަމަނަށް ހަމަލާދީފައިމިވަނީ ޔަމަނުގެ މަތިން އުދުހެމުން ދިޔަ އެމެރިކާގެ އަސްކަރީ ޑްރޯން އެއް ވައްޓާލާ ހޫތީން އިޒްރޭލަށް އަމާޒުކޮށް "އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަކުރާނެ" ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އަދި މިދިޔަ ހަފުތާގައި އެ ޖަމާއަތުން ވަނީ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް އަމާޒުކޮށް ދިން ހަމަލާގެ ޒިންމާ އުފުލާފަ އެވެ.

ބަބް އަލް މަންޑެބް ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެމެރިކާގެ ތިން އުޅަނދަކަށް ހަނގުރާމަވެރިން ބެލިސްޓިކް މިސައިލާއި އެންޓިޝިޕް ކްރޫޒް މިސައިލް ފޮނުވާލައި ދެ ޑްރޯން ފޮނުވާލި ނަމަވެސް އެ ހުރިހާ ހަމަލާ ވެސް ނޭވީ ޑިސްޓްރޯޔަރުން ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުނެ އެވެ.

ހުކުރު ދުވަހު ވެސް އެތައް ހާސް ބަޔަކު ސަނާގެ މަގުތަކަށް ނުކުމެ ފަލަސްތީނާއި ލުބުނާނުގެ ރައްޔިތުންނާއެކު ތިބިކަމަށްބުނެ އެއްބައިވަންތަކަން ފާޅުކޮށްފައިވެ އެވެ. ފާއިތުވި ދެ ދުވަހު އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް އެ ދެ ގައަމުށް ވަނީ ދީފަ އެވެ.

ޔަމަނަށް ހަމަލާ ދެނީ އިޒްރޭލުން ގާޒާއާ ލުބުނާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހަދަމުން ދާތީކަމަށް ހޫތީން ވަނީ ބުނެފަ އެވެ. ނަމަވެސް މި ހަމަލާތަކުން ޔަމަނަށް ހުއްޓުމެއް ނާންނާނެ ކަމަށާއި ދުޝްމަނުންނާ ކުރިމަތިލުމުގައި ޔަމަނުގެ ހުރިހާ ބާރަކުން ސާބިތުވެ ދެމިއޮންނާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.