ބެންކޮކް (9 މާޗް)- ތައިލޭންޑްގެ ބޮޑު ވަޒީރު ޕްރެޔުޓް ޗަން އޫޗާ ނޫސްވެރިންގެ ގަޔަށް ސެނެޓައިޒާ ސްޕްރޭކޮށްފި އެވެ.
ބެންކޮކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ގަޔަށް ސެނެޓައިޒާ ސްޕްރޭކުރެއްވީ ބޮޑުވަޒީރު ކޯފާވެގެން ކަމަށްވެ އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންގެންވަނިކޮށް، ރިޕޯޓަރަކު ކެބިނެޓް މެންބަރުން ބަދަލުކުރުމާ ބެހޭ ގޮތުން ކުރި ސުވާލަކާ ގުޅިގެން ބޮޑު ވަޒީރު ވަނީ އެ ރިޕޯޓަރުންގެ "އަމިއްލަ ކަންކަމާ ބެހޭށޭ" ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރީ ސަފުގައި ތިބި ރިޕޯޓަރުންގެ ގަޔަށް ސެނިޓައިޒާ ފުޅިއަކުން ޖައްސަވާފަ އެވެ.
ތައިލެންޑްގައި 2014 ވަނަ އަހަރު ކުރި ބަޣާވާތުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ސިފައިންގެ ކޮމާންޑަރު ފާހަގަކުރެވިފައި ވަނީ ރުންކުރު މިޒާޖުގެ ބޭފުޅެއްގެ ގޮތުގަ އެވެ.
މީގެ ކުރިން ވެސް ބޮޑުވަޒީރު ވަނީ މީޑިއާގެ މީހަކާ ވާހަކަ ދައްކަވަމުން މީޑީއާގެ ރިޕޯޓަރެއް ކަންފަތުގައި ހިފާފަ އެވެ. އަދި ކެމެރާމަނާ ދިމާލަށް ދޮންކެޔޮ ވާއެއް އެއްލާލާފަ އެވެ.
މީގެ ތިން އަހަރެއްހާ ދުވަސްކުރިން، 2018 ގައި ބޭއްވި އިވެންޓެއްގައި މީޑީއާ ވާހަކަފުޅު ދެއްކެވުމަށް އިންކާރު ކުރެއްވުމަށްފަހު، ބޮޑުވަޒީރު "ބޮޑުވަޒީރުގެ ސިފައަށް ހަދާފައިހުރި ކަރުދާސްގަނޑެއް" އެއް ބަހައްޓާފައި "މީނާ ކައިރީގާ އަހާ" ވިދާޅުވުމަށްފަހު އެތަނުން ވަޑައިގެންނެވި އެވެ.