މިދިޔަ ބޮޑު އީދުގައި ކަމަދޫގައި ބޭއްވި ނެށުމުގެ ހަރަކާތްތަކުން މުޅި ރާއްޖެ އަށް މަޝްހޫރުކަން ހޯދި އައިމިނަތު ޒާރާ އާއި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމްގެ ކައިވެނީގެ ރަސްމިއްޔާތު މިއަދު ބޭއްވުމުގެ ކުރިން ޒާރާގެ އަޑުން ކިޔާފައިވާ އަސަރުގަދަ ލޯބީގެ ލަވައެއް އާއްމުވެއްޖެ އެވެ.

ސިޔާމްގެ އޮޅުވެލި ރިސޯޓުގައި ބޭއްވި ރަން ކިޔުމުގެ ހަފުލާގައި ޒާރާ ހުށަހަޅައިދިން ލަވައިގައި އޭނާ ސިޔާމް ސިފަކޮށްފައި ވަނީ ""ފުން ލޯތްބާއި ޖަންނަތު ތިއީ އޭ ހިތް އެދޭ،" ގެ ގޮތުގަ އެވެ.

"ލޯތްބާއި އަޅާލުން ހިތްވަރާއި، މި ހަޔާތަށް ދޭށޭ، މިއީ އޭ ދުއާ،" ޒާރާގެ ލަވައިގައި ކިޔަ އެވެ.

ޒާރާ ލަވަ ކިޔަމުން ދިޔަ އިރު ހިނިތުންވެފައި އިންނެވި ސިޔާމް ގެންދެވީ ބަރާބަރުކަން އަންގައިދިނުމުގެ ގޮތުން "ތަމްބްސް އަޕް" ދެއްވަމުންނެވެ.

https://www.facebook.com/watch/?v=1285913912442024

ރަންކިޔުމުގެ ހަފުލާގައި، ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ސިޔާމް އާއި ޒާރާ ވެސް ތިބީ ހުދު ހެދުމުގަ އެވެ. ދެ ފަރާތުގެ އާއިލީ ބައެއް މެންބަރުން ތިބީ ދިވެހި ސަގާފީ ހެދުމުގަ އެވެ.

ބެލެވޭ ގޮތުގައި ސިޔާމް އާއި ޒާރާގެ ކައިވެނި މިއަދު އޮންނާނީ ވެސް އޮޅުވެލި ރިސޯޓުގަ އެވެ. އަދި ކައިވެންޏަށް ފަހު އެ ރިސޯޓުގައި ޕާޓީއެއް އޮންނާނެ އެވެ. އަދި ޒާރާގެ އުފަން ރަށުގައި ވެސް ޕާޓީއެއް އޮންނާނެ އެވެ. ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ހަފުލާ އަށް ކަމަދޫ ތައްޔާރުވަމުން ދިޔަ އިރު އެ ރަށަށް ވަނީ ތިން އަސް ގެންގޮސްފަ އެވެ. ސިޔާމް އަކީ އަސް ދުއްވުމަށް ލޯބި ކުރައްވާ ބޭފުޅެކެވެ.

ކަމަދޫގެ މަޝްހޫރު ނެށުންތެރިޔާ ޒާރާ

އަޑުތައް ފެތުރިފައިވާ ގޮތުގައި ސިޔާމްއާ ކައިވެނި ކުރުމަށް ޒާރާ ރަން ކިޔާފައި ވަނީ ދެ ގެސްޓް ހައުސްއަށެވެ. އެއީ ޒާރާ އަށް ގެސްޓް ހައުސްއަކާއި އޭނާގެ ދައްތަ އަށް ގެސްޓް ހައުސްއެކެވެ.

ޒާރާ އާއި ސިޔާމްގެ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުމާ އެކު، މިދިޔަ އޮގަސްޓް މަހު ސިޔާމް ވަނީ ކަމަދޫ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ނިންމަވައިފަ އެވެ. ކަމަދޫ ކައުންސިލުން ބުނީ އެއީ "ސިޔާމް ކެއާ" އާ އެކު ކައުންސިލުން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު ނިންމި ކަމެއް ކަމަށެވެ.

ސިޔާމް އުޅުއްވަނީ މޮރޮކޯ މީހަކާ ވެސް ކައިވެނި ބައްލަވައިގެންނެވެ.