މައްކާގެ މާތްވެގެންވާ މަސްޖިދުލް ހަރަމްގެ ސީނިއާ އިމާމެއް ކަމަށްވާ ޝެއިޚް މާހިރު އަލް މުއީގްލީ މެލޭޝިއާގެ ޕުތުރާޖަޔާގެ މަސްޖިދު ޕުތުރާގައި އިމާމްވެ މިއަދު ކުރެއްވި ހުކުރު ނަމާދުގެ ޖަމާއަތަށް އެތައް ހާސް ބަޔަކު ހާޒިރުވެއްޖެ އެވެ.
ޕުތުރާޖަޔާ ލޭކްއާ ގުޅުވާލައިގެން ހަދާފައިވާ ގާތްގަނޑަކަށް 15 ހާސް މީހުންގެ ޖާގައިގެ ހިތްގައިމު މިސްކިތް ފުރި ހަރަމް ތެރެ ވެސް އޮތީ ފުރިފަ އެވެ. މުޅި ދުނިޔެ އަށް މަޝްހޫރު ގާރީގެ ހުކުރު ޚުތުބާ އާއި ގުރުއާން ކިޔެވުމުގެ އަޑު އަހާލުމަށް މެލޭޝިއާގެ އެކި ހިސާބުތަކުގެ އިތުރުން އަވަށްޓެރި ބައެއް ގައުމުތަކުގެ މުސްލިމުން ވެސް މިއަދު ވަނީ ޕުތުރާޖަޔާ އަށް ޖަމާވެފަ އެވެ. އޭގެ ތެރޭގައި މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވެސް ހިމެނެ އެވެ.
މެލޭޝިއާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި މިއީ އެ ގައުމުގައި މި އަހަރު ބާއްވާ ދީނީ އެންމެ ބޮޑު އެއްވުމަށް ވާނެ އެވެ. ރަސްމީ ދަތުރުޅެއްގައި ޝެއިޚް މާހިރު މެލޭޝިއާ އަށް ވަޑައިގެންނެވީ އިއްޔެ އެވެ. މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިއާގެ ޝާހް އާލަމްގެ ބައެއް މިސްކިތްތަކުގައި ޝެއިޚް މިއަދު ވަނީ އިމާމްވެ ނަމާދު ކުރައްވައިފަ އެވެ.
ހުކުރު ނަމާދަށް ފަހު ޝެއިޚް މާހިރު ވަނީ ވަރަށް ގިނަ ބަޔަކާ ސަލާމްކޮށްފަ އެވެ.
މި އަހަރުގެ ހައްޖު ދުވަހު އަރަފާތު ބިމުގައި ޚުތުބާ ދެއްވާފައި ވަނީ ވެސް ޝެއިޚް މާހިރު އެވެ.