ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ހުންގާނު ދޫކޮށްލައިގެން ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަގޮތުން ފިރިހެނަކު ކުޑަކުއްޖެއް ގޮވައިގެން ހައިވޭގައި ސައިކަލް ދުއްވަމުން ދިޔައިރު، ސައިކަލްގެ ކުރީގައި އިން ކުއްޖާ އަތަށް ހުންގާނުގެ ކޮންޓްރޯލް ދޫކޮށްލައިގެން އިނދެ އެވެ. ޕްރީ ސުކޫލެއްގެ ޔުނީފޯމުގައި އިން އެ ކުއްޖާ އިނީ ސައިކަލްގެ ހުންގާނުގައި ހިފަހައްޓައިގެނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ސަމާލުކަމަށް އެކަން އައީ ސޯޝަލް މީޑިއާއިން ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް މިހާތަނަށް އެމީހާ ދެނެގަނެވިފައެއްނުވެ އެވެ. މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވަމުން އަންނާނީ ފުލުހުން އަންނަނީ އެފަދަ އެކްސިޑެންޓްތައް މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.