ބޮލީވުޑްގައި އަބަދުވެސް ދޭދޭ ތަރިންގެ މެދުގައި ހިތްހަމަނުޖެހުންތަކާއި ނުތަނަވަސްކަން ކުރިއަށްދެ އެވެ. ބައެއް ފަަހަރު މަސައްކަތުގެ މާހައުލުގައި ކަމަށް ވާއިރު ބައެއް ފަހަރު ޒާތީ މައްސަލަތަކުގެ ސަބަބުން ވެސް މިފަދަ ކަންކަން މެދުވެރިވެ އެވެ.

ބޮލީވުޑް ތަރިންގެ މެދުގައި ހިނގި ކޯޅުންތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ކޯޅުމަކީ ރަވީނާ ޓަންޑަން އާއި ކަރިސްމާ ކަޕޫރުގެ މެދުގައި ހިނގި ކޯޅުމެވެ.

މި ކޯޅުމުގެ މައިގަނޑު ސަބަބަކަށްވީ ބޮލީވުޑްގެ އޭރުގެ އެންމެ މަޝްހޫރު އެއް ތަރި އަޖޭ ދޭވްގަންގެ ލޯތްބެވެ. އަޖޭ ދޭވްގަންގެ ލޯބީގައި ޖެހި މި ދެތަރިންގެ މެދުގައި ރުޅިވެރިކަން އުފެދުނެވެ.

ބުނެވޭ ގޮތުގައި 1990ގެ އަހަރުތަކުގައި އަޖޭއާއި ރަވީނާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެހެން ނަމަވެސް ފިލްމު "ސުހާގް"ގައި ކަރިސްމާއާއެކު މަސައްކަތް ކުރުމަށްފަހު އަޖޭ ކަރިސްމާއާ ގުޅުމުން ރަވީނާ އެ މީހުންގެ މެދުގައި އޮތް ގުޅުން ކަނޑާލީ އެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރަވީނާއާއި ކަރިސްމާ ސުލްހަ ވެފައިނުވާއިރު މަސައްކަތުގެ މާހައުލުގައި ކަރިސްމާއާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށް ރަވީނާ ބުނެފައިވެ އެވެ.

އަޖޭ 1999 ވަނަ އަހަރު ކާޖޮލްއާ ކައިވެނިކޮށް މިއަދާ ހަމައަށް ކައިވެނީގެ މަތީގައި ދެމިތިބިއިރު އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.