ޓޫރިޒަމްގެ ހިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީ ޖީއެސްޓީ ހިމެނޭހެން ތިން ޓެކުހެެއް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅާފައިވާ އެ އިސްލާހުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށެވެ. އެކަމަކު އެ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށާނެ ކަމަށް އެ އިސްލާހުގައި ވެ އެވެ. އެއާ އެކު، ދައުލަތަށް އިތުރަށް 200 މިލިއަން ރުފިޔާ ލިބޭނެ އެވެ. ޓީޖީއެސްޓީގެ ބަދަލަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް މި ބިލުތައް ވަނީ އެޖެންޑާކޮށްފަ އެވެ. ސަރުކާރުން ޓޫރިޒަމް ދާއިރާގެ ޓެކްސްތައް ބޮޑުކުރާއިރު، ސަރުކާރުން އައްޔަންކުރާ ސިޔާސީ މީހުންނަށް ކުރާ ހަރަދުތައް ކުޑަނުކުރާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ސަރުކާރުން ގްރީން ޓެކްސް ބޮޑުކުރުމަށް ނިންމާފައި ވަނީ 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގާ ގޮތަށެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އުމުރުން ދެ އަހަރުގެ ދަށުގެ ކުދިންނަށް މި ޓެކްސް ނުނަގާނެ އެވެ.

މީގެ އިތުރުން 16 ޕަސެންޓުގައި ހުރި ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ. މިއާއެކު އަހަރަކު 201.9 މިލިއަން ރުފިޔާގެ އިތުރުވުމެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. ޓީޖީއެސްޓީގެ ބަދަލަށް އަމަލު ކުރަން ފަށަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މަޖިލީހަށް ހުށަހަޅާ ބިލްގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރުމަށް ހިމަނާފައިވާއިރު ދިވެހިންގެ އަތުން ނަގަމުން ދިޔަ ފީ އާއި ރޭޓްތައް ބޮޑު ނުކުރެ އެވެ. ނަމަވެސް ރާއްޖެއަށް އަންނަ ބޭރު މީހުންގެ އަތުން ނަގާ ފީ އާއި ޓެކްސް ބޮޑުކުރުމަށް ނިންމާފައިވެ އެވެ..

އެގޮތުން ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނަގާއިރު މި ބަދަލާއެކު ދެން ނަގާނީ 50 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުގައި 50 ޑޮލަރު ނަގާއިރު އެ އަދަދު 120 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އެ އަދަދު 240 އަށް ބޮޑުކުރުމަށް އަދި ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ މީހުންގެ އަތުން 120 ޑޮލަރު މިހާރު ނަގަމުން އަންނައިރު އެ އަދަދު 480 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން މި ބަދަލުތައް ގެންނަން ނިންމާފައި ވަނީ ފިސްކަލް ރީފޯމް އެޖެންޑާގެ ދަށުންނެވެ. އެގޮތުން މި ބަދަލާއެކު ޖުމްލަ 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެއް އާމްދަނީއަށް އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.