ސަރުކާރުން މިއަދު ނިންމި ތިން ނިންމުމެއް ކެންސަލްކޮށްފި އެވެ.
އެގޮތުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތައް ދުއްވަން މީގެ ކުރިން ތަމްރީނުކުރި ދިވެހި ޕައިލެޓުންނަށް އެ ތަކެތި ދުއްވަން ނުދޭ ސަބަބުގެ ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަން އިން ނިންމި ނިންމުން ޑިފެންސް މިނިސްޓްރީ އިން ހައިކޯޓުގައި މިއަދު އިސްތިއުނާފު ކުރުމަށްފަހު، އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ، އެއާއެކު ކުރިން ހާމަ ނުކުރަން އުޅުނު މައުލޫމާތު ހާމަކުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ދެވަނައަށް ކެންސަލްވި ނިންމުމަކީ ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ ގެކޮޅުކަމަށްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަނުކުރަން 241 ކޮމެޓީން މިއަދު ނިންމި ނިންމުމެވެ. މިކަން ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު އެންގެވުމުން މިއަދު ހަވީރު އިތުރު ކޮމެޓީ ބައްދަލުވުމެއް ބާއްވާ މިނިންމުންވެސް ވަނީ ބަދަލުކޮށްފަ އެވެ. އެހެންކަމުން މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި މުސާރަ ހާމަކުރަން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި މަސައްކަތްކުރާ މާބަނޑު އަދި ޅަދަރިމައި މުވައްޒަފުންނަށް ޑިއުޓީގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭ އުސޫލު ބަދަލުކޮށް ލުއި ނުދިނުމަށް ނިންމުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ކުރިން އޮތް ގޮތަށް އުސޫލު ވަނީ މިއަދު ބަދަލުކޮށްފި އެވެ.
ސަރުކާރުން މިފަދައިން ނިންމުންތައް ބަދަލުކުރުން ވަނީ އާއްމުވެފަ އެވެ. އެގޮތުން ފާއިތުވި ހަފްތާ ތެރޭގައި އިސްލާމިކް މިނިސްޓްރީންވެސް ވަނީ މަސްފެންގަނޑު ހަދަން އިއުލާން ކުރުމާއެކު އެކަން ނުކުރުމަށް މިނިސްޓަރު ނިންމަވާފަ އެވެ. ހަމަ އެ މިނިސްޓްރީން ވަނީ އުމުރާއަށް މީހުން ގެންދިއުމުގެ އުސޫލު އާއްމު ކުރުމާއެކު އެ އުސޫލުގައި ހިމެނޭ ބައެއް ކަންކަންވެސް ބަދަލުކޮށްފަ އެވެ.