ސަރުކާރުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސަރުކާރަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ސިޔާމް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް އަދި ބޭކާރު އިސްރާފުތަކާއި ވައްކަމުގެ މައްސަލަ ހައްލުނުކޮށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން ރައްޔިތުންނަށް އެއިން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.

ޓުއަރިޒަމް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އިތުރު ކުރުމަށްވެސް ހުށަހަޅާފައިވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ވުރެން ރާއްޖޭގެ ޓެކްސް ބޮޑުކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ޓެކްސް މާ ބޮޑުނުކޮށް، ދުނިޔޭގެ ކުރިއަރަމުން އަންނަ އިގްތިސާދުތަކާ އެއްވަރަށް ރާއްޖޭގައި ވެސް ޓެކްސް ނެގުން މުހިންމު ކަމަށެވެ.

"މިހެން އަޅުގަނޑުމެން ޓެކްސް ބޮޑުކުރަން ވެއްޖެކަމުގައިވާނަމަ އަޅުގަނޑުމެންގެ ރާއްޖޭގެ އިގްތިސޯދު ހަލާކުވެގެން ހިނގައިދާނެ. ނިކަމެތިވެގެން ހިނގައިދާނެ" އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ކުރަންވީ މުހިއްމު ކަމަކީ ހަރަދުތައް ކުޑަކުރުން ކަމަށެވެ. ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވަނީ ކޮންމެ ރައީސަކު އިންތިހާބުވުމަށްފަހު ކުންފުނިތަކެއް ހަދައި އެކަމަށް ބޭކާރު ހަރަދުތައް ކުރާތީކަމަށް ސިޔާމް ވިދާޅުވި އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ މިފްކޯއަށް ފަސް ބިލިއަން ރުފިޔާގެ ގެއްލުވިކަމާއި އެ އެއީ ޓެކްސް ޕޭޔަރުންގެ ފައިސާ ކަނޑަށް އެޅުންކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު އިންޑިއާ މާކެޓް ގެއްލި މި ގައުމަށް އެއް ބިލިއަން ޑޮލަރު ގެއްލުން ވެއްޖެ. މި ވަބާގެ ތެރޭގައި އަޅުގަނޑުމެނަށް ނުތެދުވެވި އުޅެނިކޮށް އަނެއްކާ މިވީ އަޅުގަނޑުމެންގެ ރިހޭ ފައިމައްޗަށް ފޮއެއް ވައްޓާލަން ތިޔަ އުޅުއްވަނީ" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ޓެކްސް ނެގުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ނަގާ ފައިސާ ރަނގަޅުގޮތުގައި ބޭނުން ކުރަން ޖެހޭކަމަށެވެ. އޭގެން ވައްކަން ކުރުމާއި ފޭރުން ހުއްޓާލުމަށްވެސް އޭނާވަނީ ގޮވާލައްވާފަ އެވެ.

"މިހާރުން މިހާރަށް ކުރަންވީ ކަމަކީ މި ހިންގާ ޖަރީމާ ކުންފުނިތައް ހުއްޓާލުން. އެ ނޫންގޮތަކަށް ދާނަމަ މި ގައުމު ހަލާކުވެގެން ދާނެކަން ހަމަ "ހަންރެޑް ޕަސެންޓް" ޔަގީން. މިހާރުވެސް ކޯއްޗެއްތޯ މިގައުމުގަ އޮތީ. މީގައުމެކޭ އިނގޭތޯ. މިގައުމުގަ ނެތޭ ދެ މިލިއަން ޑޮލަރު. މީ ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެން ދައްކާ ޓެކްސްތައް ކޮބައިތޯ. ކޮންތާކަށްތޯ އަޅަނީ. ކޮންކަމެއްތޯ ކުރަނީ؟" އޭނާ ވިދާޅުވި އެވެ.

ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑު ކުރުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ތާއީދެއްނެތް

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އިދިކޮޅު އެމްޑީޕީން ވެސް ތާއީދު ނުކުރާކަން އެޕާޓީގެ މެންބަރުން ދެއްކެވި ވާހަކަފުޅުތަކުން ވަނީ ހާމަވެފަ އެވެ.

މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މަދުވާނެ ކަމަށާއި އޭގެ ސަބަބުން ފައިދާވާނީ އަވައްޓެރި ގައުމުތަކަށް ކަމަށެވެ. މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، ޓެކްސް ބޮޑު ކުރުމުން ރައްޔިތުންނަށް އަސަރު ނުކުރާނެ ކަމަށް ބުނެ ސަރުކާރުން ހަގީގަތް އޮޅުވާލަމުންދާ ކަމަށެވެ. ޓެކްސް ބޮޑު ކުރުމަކީ، ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ ހިލާފު ކަމެއްކަންވެސް އޭނާ ފަހަގަކުރެއްވި އެވެ.

ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް މުއިއްޒު ޖޫން މަހު އިއުލާން ކުރެއްވި ފަހުންވެސް އެތައް ސިޔާސީ މަގާމުތައް އުފެއްދެވުމަށްފަހު، އިއްޔެ ވަނީ 228 މީހަކު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވަކިކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.