އިޒްރޭލަށް ފަންޑު ކުރާ ބްރޭންޑްތައް ބޮއިކޮޓް ކުރުމަށް ގޮވާލާ އަދި އޭގެ ބަދަލުގައި ބޭނުންކުރެވޭ ޕްރޮޑަކްޓްތައް ދައްކާލުމަށް ހަރަކާތެއް ހުޅުމާލެ ސެންޓްރަލް ޕާކުގަައި ބާއްވާން ނިންމައިފި އެވެ.

މި އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދާމާ ހަވީރު 4:15 އިން އިރުއޮއްސި 6:00 އަށެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ އިންޓަނޭޝަނަލް މުސްލިމް އެއިޑް އެންޑް އެޑިއުކޭޝަން (އައިއެމްއޭއީ) އިންނެވެ.

އެ ހަރަކާތުގައި ބޮއިކޮޓް ކުރާ ބްރޭންޑްތަކުގައި ބަދަލުގައި ބޭނުންކުރެވިދާނެ އެހެން ބްރޭންޑްތައް މާކެޓްކޮށް ހިލޭ ބެހުމަށް ވަނީ ހަމަޖެހިފަ އެވެ.

އެހެން ހަރަކާތެއް އޮތްކަމަށް ބުނެ އެޗްޑީސީއިން ވަނީ ފުރަތަމަ މި ހަރަކާތަށް ހުއްދަ ދޭން ދެކޮޅުހަދައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ހުއްދަ ދީފަ އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާމާއި ދެކޮޅަށް އުފެދުނު ބޮއިކްޓް ކެންޕޭނަކީ މުޅި ދުނިޔޭގައި ވެސް ހިންގަމުންދާ ހަރަކާތެކެވެ. މި ބޮއިކޮޓް ތަކުގެ ސަބަބުން އިޒްރޭލަށް ފަންޑުކުރާ ބޮޑެތި ބްރޭންޑްތަކަށް ވަނީ މާލީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.