ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް މިއަދު އެ ގައުމުގެ ކޯޓުން ނެރެފި އެވެ.

ވަޒީފާގެ ކޯޓާ މައްސަލައިގައި ދަރިންވަރުން ކުރި ސިލްސިލާ މުޒާހަރާތަކުގެ ސަބަބުން އިސްތިއުފާ ދެއްވުމަށްފަހު އޮގަސްޓް މަހު އެނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ.

ކޯޓުން އަމުރުކޮށްފައިވަނީ ހަސީނާ އަންނަ މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށެވެ.

ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ކިޔަލަށް ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން މަރަން އަމުރުކުރި ކަމުގެ ތުހުމަތު ހަސީނާއަށް ވަނީ ކޮށްފަ އެވެ. މީގެ އިތުރުންވެސް އޭނާގެ 15 އަހަރުގެ ވެރިކަމުގައި ހިންގާފައިވާ އިންސާނީ ހައްގުތަކާއި ހިލާފުކަންކަން ބެލުމަށް އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގޮވާލާފަ އެވެ.

މުޒާހަރާތަކުގައި ހާހަކާ ގާތްކުރާ އަދަދަކަށް މީހުން މަރުވިކަމަށް އެގައުމުން ރިޕޯޓްކޮށްފައިވެ އެވެ.

އުމުރުން 77 އަހަރުގެ ހަސީނާ 5 އޮގަސްޓްގައި ފިއްލަވައިގެން އިންޑީއާއަށް ވަޑައިގެންނެވިފަހުން މިހާތަނަށް އާއްމުންގެ ތެރެއިން ފެނިފައިނުވެ އެވެ.

ބަންގްލަދޭޝްއިން ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބާތިލްކޮށްފައި އޮތް ނަމަވެސް، ގައުމުތަކުގެ މެދުގައިއޮތް ބައިލެޓަރަލް އެކްސްޓްރެޑިޝަން ޓްރީޓީގެ ދަށުން ޖިނާއީ ޝަރީއަތަށް ގައުމަށް އެނބުރި އައުމުގެ ފުރުސަތު ހަސީނާއަށް ލިބިވަޑައިގަންނަވާނެ އެވެ.