ރާއްޖޭގެ ސޯޝަލް މީޑިއާގައި މަޝްހޫރު ޝުމްބާ ގޮން (އަހްމަދު އަޝްރަފް) ސިންގަޕޫރު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

އޭނާ މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްގައި އެގައުމުގެ އިމިގްރޭޝަންގެ "ހޯލްޑިން ސެލް" ގައި ހިފަހައްޓާފައި ހުންނަތާ ދެ ގަޑިއިރު ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހިފެހެއްޓީ ކޮން ސަބަބަކާކަމެއް އިމިގްރޭޝަނުން ބުނެދީފައިނުވާ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ޝުމްބާގޮން އަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ދިފާއުގައި މަސައްކަތް ކުރާ ފާހަގަކޮށްލެވޭ ޒުވާނެކެވެ. އޭނާ އަކީ އަދީބުގެ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ސެކްރެޓަރީ ޖެނެރަލް އެވެ.

މިކަމާ ގުޅިގެން އެމްޓީޑީން އެކަން ކުށްވެރިކޮށް ހެނދުނު އެކްސްގައި ޕޯސްޓެއް ކުރުމަށްފަހު މިހާރުވަނީ ޑިލީޓްކޮށްފަ އެވެ.

ދެ ގަޑިއިރާ ބައި ވަންދެން ބެހެއްޓުމަށްފަހު ދޫކޮށްލާފައިވާކަމަށް ޝުންބާ ވަނީ ފަހުން ބުނެފަ އެވެ. އޭނާ ހިފެހެއްޓުމުން ސަރުކާރުގެ އެއްވެސް އިދާރާއަކާ ނުގުޅުނު ވާހަކަވެސް އޭނާ ބުނެފައިވެ އެވެ. ނަމަވެސް ފަހުން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު މުހައްމަދު ލުވައިޒްގެ އެހީތެރިކަން ލިބިފައިވާކަމަށް އޭނާ ބުނެފައިވެ އެވެ.