ލުބުނާނުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފި އެވެ.

އިޒްރޭލުގެ ރަސްމީ ފަރާތްތަކުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުން އިޒްރޭލްގެ ކޭސަރިޔާ ސަރަހައްދުގައި ހުންނަ ނަތަންޔާހޫގެ ގެއަށް ހިޒްބުﷲއިން މިއަދު ޑްރޯން ހަމަލާދިނީ މިހާތަނަށް އެޖަމާއަތުން ބޭނުންކޮށްފައި ނުވާވަރުގެ ބާރުގަދަ ޑްރޯނަކުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ލުބުނާނުން އިޒްރޭލަށް އެއް ވަގުތެއްގައި ތިން ޑްރޯން ހަމަލާއެއް ފޮނުވާލި އެވެ. 70 ކިލޯމީޓަރު ދުރުން ފޮނުވާލި އެ ތިން ޑްރޯން ހަމަލާގެ ތެރެއިން ދެ ހަމަލާ ނާކާމިޔާބުކޮށްލެވުނު ކަމަށްވެސް އިޒްރޭލުން ބުނެފައިވެ އެވެ.

އެ ޑްރޯން ހަމަލާއާއެކު ބާރުގަދަ ގޮވުމެއް ގޮވައި ނަތަންޔާހޫގެ ގެއަށް ވަނީ ގެއްލުވެފަ އެވެ. އެވަގުތު ނަތަންޔާހޫ އާއި އާއިލާ ގޭގައި ނޫޅޭކަމަށް އިޒްރޭލުން ބުނެ އެވެ.

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމާ ގުޅިގެން ހިޒްބުﷲ އިން ވަނީ ހަނގުރާމައިގެ އާ ހަރުފަތަކަށް ދާނެކަމަށް ބުނެފަ އެވެ. އެގޮތުން އިއްޔެއާއި މިއަދު ހިޒްބުﷲ އިން ވަނީ އިޒްރޭލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދަނީ ބޯޑަރު ސަރަހައްދުގައި ހަމަލާތައް ދެމުންނެވެ. ދެ ގައުމުގެ މެދުގައި ހަމަލާތައް ވަރުގަދަވީ ނިމިދިޔަ ސެޕްޓެމްބަރު މަހު އިޒްރޭލުން ލުބުނާނަށް ހަމަލާދޭން ފެށުމުންނެވެ.