އިންޑޮނޭޝިއާގެ ސުމަޓްރާ އައިލެންޑްގެ ފަރުބަދައެއް ގޮވައިފި އެވެ.
އުތުރު ސުމަޓްރާގައި ހުރި މައުންޓް ސިނަބުންގް އަލިފާން ފަރުބަދަ ގޮވާ އޭގެ ދުން 1،000 މީޓަރަށް މައްޗަށް އަރާފައި ހުއްޓެވެ. އަދި އެ ފަރުބަދައިން އެރި ދުންތައް އިރުދެކުނުން ތިން ކިލޯމީޓަރަށް ދަތުރުކޮށްފައިވާ ކަމަށް އެ ގައުމުގެ "ވޮލްކެނޮލޮޖީ އަދި ޖިއޮލޮޖީ ހެޒާޓް މިޓިގޭޝަން ސެންޓަރު"ން ބުނެފައިވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. މީގެ އިތުރުން އެ ސަހަރުގެ މީހުން އެތަނާ ފަސް ކިލޯމީޓަރު ދުރުގައި ތިބުމަށް ވަނީ އަންގައިފަ އެވެ.
މިހާދިސާ އަކީ ދެވަނަ ލެވަލްގައި ވާ ހާދިސާއެއް ކަމަށް ބަލައި، ކަމާބެހޭ ފަރާތްތަކުން ދަނީ މި އަލިފާން ފަރުބަދަ ގާތުން މޮނިޓާކުރަމުންނެވެ.
މިދިޔަ އަހަރުން ފެށިގެން އަލިފާން ފަރުބަދަ ކޮންމެއިރަކު ވެސް ގޮވާފާނެ ކަމުގެ އިންޒާރުދީފައިވެ އެވެ. މި 2،600 މީޓަރުގެ ފަރުބަދަ ކައިރީގައި ހުރި ސަހަރުތަކަށް މީގެ އަސަރުތައް ވަނީ ކޮށްފަ އެވެ.
މި ކަމުގެ ސަބަބުން މިދިޔަ ދެތިން އަހަރެއް ތެރޭގައި 30،000 މީހުން ވަނީ އެ މީހުންގެ ގޯތިގެދޮރު ދޫކޮށްދާން މަޖުބޫރުވެފަ އެވެ.
ހަތަރު ގަރުނުވަދެން ނުގޮވާ އިން އަލިފާން ފަރުބަދަ ގޮވާން ފަށާފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ހާދިސާގައި ދެ މީހަކު މަރުވެފައި ވެ އެވެ. އެއަށް ފަހު 2014 ވަނަ އަހަރުގައި ވެސް 17 މީހަކު އެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން މަރުވެފައި ވެ އެވެ. 2016 ވަނަ އަހަރުގައި ވެސް ހަތް މީހަކު މިކަމުގެ ސަބަބުން މަރުވި އެވެ.
އެ އަލިފާން ފަރުބަދައަކީ އިންޑޮނޭޝިއާގައި އާއްމުކޮށް ގޮވަމުންދާ ދެ އަލިފާން ފަރުބަދަތަކުގެ ތެރެއިން އެއް ތަނެވެ.
ސިނަބުންގް އަލިފާން ފަރުބަދައަކީ އިންޑޮނޭޝިއާގެ ގޮވާފާނެ ކަމަށް ބެލެވޭ 120 އަލިފާން ފަރުބަދަ ތެރެއިން އެއް ތަނެވެ.