ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓު މި ހަފްތާ ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު އެހެން ވިދާޅުވީ ފުލެޓު ލިސްޓު އާންމުކުރުމާއި ގުޅޭ ގޮތުން މީޑިއާ އަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހައިދަރު ވިދާޅުވީ އެއްވެސް ދައްޗެއް ކުރިމަތި ނުވާނަމަ މި ހަފުތާ ނިމޭއިރަށް ފްލެޓް ލިސްޓް އިއުލާންކޮށް ނިންމޭނެ ކަމަށެވެ.

ނިމިދިޔަ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުރުގެ ފަހުކޮޅު އާއްމުކުރި ފްލެޓް ލިސްޓްގައި ހައްގުނޫން އެތައް ބަޔަކަށް ފްލެޓް ދީފައިވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓުވާފަ އެވެ.

އޭގެފަހުން މިނިސްޓްރީގެ ބެލުމުގެ ދަށުން ލިސްޓް މުރާޖާއާކޮށް އެކުލަވާލާ ފްލެޓް ދޫނުކުރެވި ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.

ނިމިދިޔަ ޖުލައި މަހު މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވެފައިވަނީ ލިސްޓް އާންމު ކުރާނީ ފްލެޓް ލިބެނީ އެންމެ ހައްގު މީހުނަށްތޯ ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ. އަދި މިހާރު އިމާރާތް ކުރަން ފަށާފައިވާ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އޮކްޓޫބަރުގެ ނިޔަލަށް މުޅީން ނިންމާލެވޭނެ ކަމަށާއި އެހާތަނަށް ލިސްޓް ފައިނަލްކޮށް އާންމު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ދޫކުރި ފްލެޓާއި ގޯތި ދިނުން ލަސްވުމާއި ގުޅިގެން ކޮންމެ ހަފްތާއަކުވެސް މާލޭގައި ބައެއް ފަރާތްތަކުން ދަނީ އެެއްވުންތައް ބާއްވަމުންނެވެ. ގެދޮރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މާލެ ރައްޔިތުން ގޮވާލަމުންދަނީ ވީ އެންމެ އަވަހަކަށް ފްލެޓްތައް ދޫކުރުމަށެވެ. ނަމަވެސް ސަރުކާރަށް އަހަރުވާއިރު، މިހާތަނަށް އެއްވެސް ފްލެޓެއް ދޫނުކުރެވެ އެވެ.