ދައުލަތުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ނުހައްގުން މުއްސަނދިކަން މީގެ ކުރިން ހޯދާފައި އެބަހުރި ކަމަށް ކުރީގެ އެޓޯލްސް މިނިސްޓްރީގެ ބަޖެޓް ބެލެހެެއްޓެވި އަދި ރެޑްވޭވް ފިހާރަތަކުގެ ވެރިޔާ އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރުކަން ކުރައްވާ ސަލީމްގެ ރެޑްވޭވް ކުންފުންޏަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށް 2021 ވަނަ އަހަރު އެސެޓް ރިކަވަރީ ކޮމިޝަނުން އެ ކުންފުނީގެ މައްސަލައެއް ތަހުގީގުކުރި އެވެ. އެ ކޮމިޝަނުން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ ފައިސާ ވަދެފައިވާ ކުންފުނިތަކުގެ މައްސަލަތައް ބަލައި، ސުވާލުކޮށްފަ އެވެ. އޭގެ އިތުރުން ކުރީގެ އެޓޯލްސް މިނިސްޓްރީގައި ސަލީމް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑު ސިސްޓަމްތައް ގަތުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގައި ސަލީމްގެ މައްޗަށް 2011 ވަނަ އަހަރު ދައުވާކުރި އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ވަނީ ނުހައްގުން ހޯދި މުއްސަނދިކަން ހޯދާ މީހުންނަށް ފިޔަވަޅު އަޅަން ފަސޭހަވާނެ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހުކުރަން ހުށަހަޅައިފަ އެވެ.
އެ އިސްލާހަށް ބަހުސްކުރައްވަމުން އޭދަފުށި ދާއިރާގެ ސަލީމް ވިދާޅުވީ ދައުލަތުގެ ވެރީންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ނުޙައްގުން މުއްސަނދިކަން މީގެ ކުރިން ހޯދާފައި އެބަހުރި ކަމަށެވެ. މިގޮތުން މަސްތުވާތަކެއްޗާއި ސިނގިރޭޓު ފަދަ ތަކެތި އެތެރެކޮށް މުއްސަނދިކަން ހޯދާފައި އެބަހުރި ކަމަށް ސަލީމް ތުހުމަތުކުރެއްވި އެވެ.
ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވީ މީގެ ކުރިން އެކި ސަރުކާރުތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި އެބަހުރި ކަމަށާއި، އެތައް ބިލިއަން ރުފިޔާއެއް މި އަމަލުތަކުގެ ސަބަބުން ގެއްލިފާވާއިރު އެ މައްސަލަތައް އަދިވެސް ބެލިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ މީހަކަށްވެސް ނުހައްގު މުއްސަނދިކަމެއް ލިބިއްޖެއްޔާ އެކަން ބެލެންޖެހޭނެ. ދައުލަތަށް ވުރެ އެއްވެސް މީހަކު ބޮޑުވެގެން ނުވާނެ،" ސަލީމް ވިދާޅުވި އެވެ.
އެ އިސްލާހަށް ބަހުސްކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ މިދިޔަ 19 ވަނަ މަޖިލީހުން ގާނޫނުލް އުގުބާތަށް އިސްލާހު ގެނެސްފައި އޮތީ ޖިނާއީ ބޮޑު ކުށެއްކޮށްފިކަން ސާބިތުވެއްޖެނަމަ ނުޙައްގުން މުއްސަނދިކަން ހޯދާ ފަރާތްތަކަށް ފިޔަވަޅު އެޅޭގޮތަށް ކަމަށެވެ. އެހެން ނަމަވެސް، ގިނަ މީހުން ނުޙައްގު މުއްސަނދިކަން ހޯދަނީ އެފަދަ ކުށެއްކޮށްގެން ނޫން ކަމަށާއި އެމީހުންނަށް މިހާރު ގާނޫނުލް އުގޫބާތު އޮތްގޮތުން ފިޔަވަޅު އެޅެން ނެތް ކަމަށް އަޒާން ވިދާޅުވި އެވެ.
އެހެންކަމުން މިހާރު އަލަށް ގެންނަ އިސްލާާހާއެކު ނުހައްގުން މުއްސަނދިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނާޖާއިޒު ގޮތުގައި ފައިދާއާއި މަންފާ ހޯދައި މުއްސަނދިވާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ ދުވަހެއް ހޯދަންވެގެން އަޅުގަނޑުމެން މިއުޅެނީ. މި އިސްލާހާއެކީގައި އެކަން ކުރެވޭނެ. އަދިވެސް އިތުރު ގާނޫނުތައް އަންނަން އެބަޖެހޭ މުޅި މައްސަލައަށް ހައްލު ގެންނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެސް ދިވެހި ރައްޔިތަކަށް ނުޙައްގު މުއްސަނދިކަމެއް ލިބިގެން ނުވާނެ،" އަޒާން ވިދާޅުވި އެވެ.
ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް އިދިކޮޅު ބައެއް މެންބަރުން ވެސް ވަނީ ތާއީދުކުރައްވައިފަ އެވެ. އެގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދިވެހި ދައުލަތުގެ މަތީ ފަންތީގައި ތިއްބެވި ބޭފުޅުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަން އެންމެން ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އެ މައްސަލަތައް ފަސޭހައިން ބެލޭނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި އެހެންކަމުން މި އިސްލާހަށް ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނުހައްގު ގޮތުގައި ހޯދާ ފައިސައަކީ ހުއްދަ އެއްޗެއް ނޫން. ގަވާއިދާ ޚިލާފަށް މުއްސަނދިކަން ހޯދައި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ގޮތެއް ހޯދަން އެބަޖެހޭ،" ޢަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.
މިހާރު ގާނޫނުލްއުގޫބާތުގައި އޮންނަނީ އެއްވެސް މީހެއްގެ ނަމުގައި ނުވަތަ އޭނާއާއި އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައިވާ މުދަލަކީ ނުވަތަ ފައިސާއަކީ ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރަކީ ޖިނާޢީ ބޮޑު ކުށެއްގެ އަމަލުން ހޯދި ފައިސާއެއް ކަމަށް ނުވަތަ މުދަލެއް ކަމަށް ނުވަތަ ގާއިމުކޮށްފައިވާ ދިރިއުޅުމުގެ ފެންވަރެއް ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުރުމުން ކުށެއްގެ ގޮތުގައި ބަލައިގަނެ ފިޔަވަޅު އެޅުމަށެވެ.
ނަމަވެސް، މިހާރު ހުށައަޅާފައިވާ އިސްލާހުގައިވާ ގޮތުން ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމަކީ ޖިނާޢީ ބޮޑު ކުށެއްގެ ޢަމަލުން ހޯދާފައިވާ މުއްސަނދިކަމެއް ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުންނާކަށް ނުޖެހޭނެ އެވެ. ނަމަވެސް އެ މުއްސަނދިކަމެއް ހޯދީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން އޭނާއަށް ސާބިތުކޮށް ނުދެވިއްޖެނަމަ، ކުށެއްގެ ގޮތުގައި ބަލައިގަނެ ފިޔަވަޅު އެޅޭނެ ކަމަށް އާ އިސްލާހުގައި ބަޔާންކުރައްވާފައިވެ އެވެ.
އެއީ ތެދެއް! އެޓޮލްސް އެޑްމިނިސްޓްރޭޝަން، ސްޓެލްކޯ ފަދަ ތަންތަނުން މިލިޔަނަރުކަން ހޯދި މީހުން އެބަތިއްބެވެ.
ރިޕްލައިވަރައް ރަގަޅު ވާހަކައެއް އޭގެން އެކެއް ކަލޭތީ
ރިޕްލައިމުއްސަނދިކަން ސަލީމު ހޯދީ ކޮންގޮތަކަށް
ރިޕްލައި