ޔޫރަޕްގެ ބައެއް ގައުމުތަކުން އެސްޓްރާޒެނެކާ ވެކްސިން ދިނުން މެދުކަނޑާލުމުން، އެ ވެކްސިނާ ގުޅޭ އިތުރު ތަހުގީގުތަކެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ތަޖުރިބާކާރުންގެ އެޑްވައިޒަރީ ކޮމިޓީން ފަށައިފި އެވެ.
އެ ތަހުގީގު ފެށުމަށްފަހު ޑަބްލިއުއެޗްއޯ އިން ބުނީ އެސްޓްރާޒެނެކާ ވެކްސިންގެ ތަހުގީގެއް އެ ޖަމިއްޔާއިން ފެށި ނަމަވެސް އެއީ ވެކްސިން ދިނުން ހުއްޓަލަންވީ ސަބަބެއް ނޫން ކަމަށެވެ.
ޑެންމާކް، ނޯވޭ އަދި އައިސް ލޭންޑް ފަދަ އެތައް ގައުމުތަކަކުން ވަނީ ލޭގަނޑުވުމުގެ ކޭސްތައް ފެނުމާއެކު އެސްޓްރާޒެނެކާ ވެކްސިން ދިނުން ވަނީ މަޑުޖައްސާލައިފަ އެވެ.
ޑަބްލިއުއެޗްއޯގެ ތަރުޖަމާނެއް ކަމަށްވާ މާގްރެޓް ހެރިސް ވިދާޅުވިގޮތުގައި އެސްޓްރާޒެނެކާ ވެކްސިނަކީ ވަރަށް މޮޅު ވެކްސިނެކެވެ. އަދި އެ ވެކްސިނާއި ދިމާވެފައިވާ ކޭސްތަކާ ގުޅުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށާއި ވެކްސިން ދިނުން ބައެއް ގައުމުތަކުން ހުއްޓާލީ ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާގްރެޓް ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ދަނީ ގައުމުތަކުން ލިބިފައިވާ ރިޕޯޓުތައް ބާލައި ތަހުގީގުކުރަމުންނެވެ. -- ރޮއިޓާސް
އެސްޓްރާ ޒެނިކާ ވެކްސިނަކީ ޑަބްލިއުއޯއިން ކުރިޔަށްގެންދާ ކޮވެކްސްގެ ދަށުން ޖަހާ މައިގަނޑު އެއް ވެކްސިނެވެ. މި އަހަރު މި ވެކްސިން ގެ ދެ ބިލިއަން ޑޯޒު ދުނިޔޭގެ ހުރިހާ ގައުމަކަށް ފޯރުކޮށް ދިނުމަކީ ޑަބްލިއުއެޗްއޯގެ އަމާޒެވެ.
މާގްރެޓް ވިދާޅުވިގޮތުގައި މިހާތަނަށް އެސްޓްރާޒެނެކާގެ 168 މިލިއަން ކޮވިޑް ވެކްސިން ޑޯޒް ވަނީ އެކި މީހުންނަށް ދީފަ އެވެ. ނަމަވެސް މިހާތަނަށް މަރުވެގެން ރިޕޯޓުކޮށްފައިވާ އެއްވެސް މީހަކީ މި ވެކްސިންގެ ސަބަބުން މަރުވި މީހެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ހާލަތުގެ ވެކްސިން ލިސްޓުގައި އެސްޓްރާޒެނިކާ ވެކްސިނާއި އެމެރިކާގެ ފައިޒާ ވެކްސިން ހިމެނެ އެވެ.
ޗައިނާގެ ސިނޮފާމް އެންޑް ސިނޮވެކް ބައޯޓެކް ވެކްސިން އާބެހޭ ގޮތުން ސުވާލުކުރުމުން ޖަވާބުގައި މާގްރެޓް ވިދާޅުވީ އެ ވެކްސިން އަންނަނީ "ރިވިއު" ކުރަމުން ކަމަށާއި މި މަހުގެ ތެރޭގައި އެޕްރޫވަލް ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.