އައްޑޫ ސިޓީގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ނިވާކަންކުޑަ ގޮތަކަށް ދެ ޖިންސް މަސްހުނިވެ ހިންގި ހަރަކާތްތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) އިން މައާފަށް އެދިއްޖެ އެވެ.
ރާއްޖެ ހިމެނޭ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ބައިވެރިވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިިއަށް ދަނީ އައްޑޫ ކެނަރީފް ރިސޯޓްގަ އެވެ. އެ މުބާރާތް ނިމޭނީ މާދަމާ އެވެ.
މިއީ ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބީބީއެމް ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތައް ބިދޭސީން ރާއްޖެ ގެނައުމުގެ ވިސާ ހަމަޖައްސައިދިނުމަށް އެދިފައި ވަނީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށް ދެއްވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ބީބީއޭއެމް އިން ނެރުނު ބަޔާނެއްގައި ވަނީ މި މުބާރާތް ކުރިއަށް ގެންދިޔުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދީފައިވާ ގޮތަށް ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މި މުބާރާތާ ގުޅިގެން ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން އާންމުން ރައްޔިތުންގެ ކަންބޮޑުވުން ހުރުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން މިފަދަ މުބާރާތެއް އެ އެސޯސިއޭޝަނުގެ ފަރާތުން ހޮސްޓް ކުރުމަށް މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ޕްރޮފައިލް ބައިނަލްއަގުވާމީ ކުޅިވަރު ދުނިޔޭގައި ވަރުގަދަ ކުރުމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމަށް ލިބޭނެ ކުރިއެރުމަށް ވިސްނައިގެންނެވެ.
މިކަމާ ގުޅިގެން ސަރުކާރުން އަދި ވަކިއެއްޗެއް ނުބުނެ އެވެ. ރައީސް މުއިއްޒުގެ ވެސް މިކަން ކުށްވެރިކުރައްވާފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.