ވޭޕް މަނާކުރުމަަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އިޖުތިމާއީ ކޮމެޓީއިން ދިރާސާކޮށް ނިންމި ރިފޯޓް ވަނީ އިއްވާފަ އެވެ. އަދި ރިޕޯޓު އިއްވުމަަށްފަހު ވޯޓަށް އަހައި ބިލު ފާސްވެފައި ވަނީ 54 މެންބަރުންގެ ވޯޓުންނެވެ. މި ވޯޓުގައި 8 މެންބަރުން ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އޭގެ ތެރެއިން 7 މެންބަރުންނަކީ އެމްޑީޕީ މެންބަރުންނެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅާފަައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަަދު އައިފާން އެވެ.
މި ބިލު ތަސްދީގް ވުމުން އަންނަ ހުކުރު ދުވަސްކަމަށްވާ ނޮވެންބަރު 15 ގެ ފަހުން ވޭޕްގެ އެއްވެސް ވައްތަރެއް ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ. އަދި އަންނަ ޑިސެންބަރު މަހު 15 އިން ފެށިގެން ވޭޕް ވިއްކުން އަދި ބޭނުންކުރުން ވެސް މަނާވާނެ އެވެ. އަދި ޖޫރިމަނާ ކުރަން ފަށާނެ އެވެ. އެގޮތުން އަންނަ މަހު 15ގެ ފަހުން ވޭޕްގެ ބާވަތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ބޭނުންކޮށްފި ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
ސަރުކާރުން މި ބިލުގައި ހިމަނާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރަށް ހެދުމަށް ވެސް ނިންމާފަ އެވެ. މި ނިންމުންވެސް ތަންފީޒު ކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.