އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުން އެމެރިކާގެ ނިއުޔޯކަށް 30 މިނެޓު ތެރޭގައި ދަތުރު ކުރެވިދާނެ ކަމަށް ބިލިއަނަރު އިލަން މަސްކް ބުނެފި އެވެ.
އޭނާގެ ކުންފުނި ސްޕޭސް އެކްސްގެ އެންމެ ފަހުގެ ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން އިލަން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި އެ ކުންފުނީގެ ސްޓާޝިޕް އުޅަނދުގައި ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ދުރު ރާސްތާ ދަތުރުތައް ކުރުމުގައި ދުނިޔޭގެ އޯބިޓުން ބޭރުވެ ޖައްވުގައި ދަތުރުކޮށް ދާން ބޭނުންވާ ތަނަކަށް އަވަހަށް ދެވޭނެ ކަމަށް އޭނާ ބުންޏެވެ.
މި ދަތުރުތައް ކުރާއިރު ފަސިންޖަރުންނަށް ޖައްވީ ދަތުރުފަތުރުގެ ތަޖުރިބާ ލިބޭނެ ކަމަށާއި އެހެން ނަމަވެސް އާދައިގެ ވައިގެ ދަތުރުތަކާ ކޮންމެވެސް ވަރަކަށް ތަފާތުވާނެ ކަމަށް ސްޕޭސް އެކްސްއިން ބުނެ އެވެ.
އެގޮތުން ގްރެވިޓީ ނެތުމުގެ ސަބަބުން މުޅި ދަތުރުގައި ވެސް ދަތުރުވެރިން ތިބެން ޖެހޭނީ ސީޓްބެލްޓް އަޅުވައިގެން ކަމަށާއި ދުނިޔެއިން ބޭރުވެ އެތެރެވާ ވަގުތު ވެސް އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓާޝިޕްގެ ޕްރޮޖެކްޓްއާއެކު ސްޕޭސް އެކްސްއިން އަންނަނީ ކޮމާޝަލް ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ވަނުމަށް ތައްޔާރު ވަމުންނެވެ.
ލަންޑަނުން ނިޔުޔޯކަށް މިހާރު ކުރަމުން އަންނަ އާއްމު ވައިގެ ދަތުރުފަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 8 ގަޑިއިރާއި 10 މިނެޓެވެ.