އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވުމާއެކު އެ ގައުމުގައި ގާނޫނާ ޚިލާފަށް ދިރިއުޅެމުން އަންނަ މީހުން ބޮޑެތި އަދަދުތަކުން ޑީޕޯޓްކުރަން ފަށާނެކަމުގެ ބިރު ވަނީ ފެތުރިފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި މިވަގުތު 13 މިލިއަން "އަންޑޮކިއުމެންޓެޑް" މީހުން ދިރިއުޅެ އެވެ. "އަންޑޮކިއުމެންޑެޓް" މި ބަހަކީ ނުގަވައިދުން އެމެރިކާއަށް އެތެރެވެފައިވާ މީހުންނަށް ނުވަތަ ވިސާ ހަމަވެފައި ނުވަތަ އެހެނިހެން ސަބަބާ ހުރެ ވަގުތީ ގޮތުން ޑީޕޯޓްނުކުރެވޭ މީހުންނަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ.
އެމެރިކާގެ އިންތިޚާބުގައި ޓްރަމްޕް ވަނީ އެމެރިކާގައި ނުގަވައިދުން އުޅޭ އެންމެން ބޮޑެތި އަދަދުތަކުން ޑީޕޯޓްކުރަން ވެރިކަމުގެ ފުރަތަމަ ދުވަހު ފަށާނެ ކަމަށް ވައުދުވެފަ އެވެ.
ނަމަވެސް އިންތިޚާބު ކާމިޔާބުވިތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ޓްރަމްޕްގެ ވެރިކަމުގައި ގެންގުޅޭނެ އިމިގްރޭޝަން ޕޮލިސީ އަދިވެސް ސާފެއް ނޫނެ އެވެ. އެހެންކަމުން އެތައް ބަޔަކު މިހާރު ތިބީ ޑީޕޯޓްކުރާނެ ކަމުގެ ބިރުގައި ނުތަނަވަސްކަމުގެ ތެރޭގަ އެވެ.
ބޮޑެތި އަދަދުތަކުން މީހުން ޑީޕޯޓްކުރުމަކީ މާލީ ބޮޑު ބުރައަކަށް ވާނެ ކަމަށްވާ އިރު ޓްރަމްޕް ވަނީ އެއީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ނުގަވައިދުން އުޅޭ މީހުން ޑީޕޯޓްކުރުމަކީ މިހާރު ވެސް އެމެރިކާގައި ކުރަމުން އަންނަ ކަމެކެވެ. ބައިޑެންގެ ވެރިކަމުގައި މިހާތަނަށް 1.5 މިލިއަން މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ. ޓްރަމްޕް ވައުދުވެފައިވަނީ ކުރިއަށް ވުރެ ހަރުކަށިކޮށް މިކަން ކުރާށެވެ.