ލޭގަނޑުވުމުގެ މައްސަލަ ދިމާވެފައިވާ އޮކްސްފޯޑްގެ އެސްޓްރާޒެނިކާ ވެކްސިން މެދުކަނޑާލުމަށް އަޔަލޭންޑުން ވެސް ބުނެފި އެވެ.
އަޔަލެންޑްގެ ކަމާބެހޭ ފަރާތްތަކުން ދިޔައީ އެ ގައުމަށް ވެކްސިން ގެނައުން އަވަސް ކުރުމަށް މަސައްކަތް ކުރަމަނުންނެވެ. ނަމަވެސް މިހާރު އެ ގައުމުގެ ޑެޕިއުޓީ މެޑިކަލް ޗީޕް ޑޮކްޓާ ރޮނާން ވިދާޅުވީ ނޯވޭގައި ހިނގައިދިޔަ ލޭގަނޑުވުމުގެ ކޭސްތަކާ ގުޅިގެން އައެލޭންޑްގައި ވެސް މި ވެކްސިން ދިނުން މެދުކަނޑާލަން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް ޑެންމާކް، ނޯވޭ އަދި އައިސްލޭންޑް އިން ވަނީ ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ނޯވޭއިން ބުނިގޮތުގައި އެ ގައުމުގައި ވެކްސިން ޖެހި ތިން ހެލްތު ވޯކަރެއްގެ ލެއަށް ދިމާވި މައްސަލަތަކަކާ ގުޅިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އިޓަލީ، އޮސްޓްރިއާ، އެސްޓޮނިއާ، ލަޓްވިއާ، ލަގްޒަންބާގް އަދި ލިތުއޭނިއާ ފަދަ ގައުމުތަކުން ވަނީ މި ވެކްސިންގެ ވަކި ބެޗެއްގެ ޑޯޒް ބޭނުން ކުރުން ހުއްޓާލާފަ އެވެ. މި ހުރިހާ ގައުމެއްގައި ވެސް ލެއާ ގުޅޭ ކޭސްގައި މީހަކު ވަނީ މަރުވެފަ އެވެ.
އެތައް މިލިއަން މީހީހުންގެ ތެރެއިން 50 އަށް ވުރެން ދަށް އަދަދެއްގެ މިފަދަ ކޭސްތައް ފެނިފައި ވާއިރު، އެއްވެސް ކޭސް އަކީ ސީދާ ވެކްސިނާ ގުޅިފައިވާ ކޭސްއެއް ކަމަށް ގަބޫލުކުރެވިފަ އެއް ނެތެވެ.
އެސްޓްރާ ޒެނިކާ، ޑަބްލިއުއެޗްއޯ އަދި އީޔޫ އިން ވެސް ވަނީ ލޭގަނޑުވުމަކީ މި ވެކްސިންއާ ގުޅޭ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
އަޔަލޭންޑްގެ ޑޮކްޓަރު ރޮނާން ވިދާޅުވާ ގޮތުގައި މި ކޭސްތަކާއި ވެކްސިންއާ ގުޅުމެއް އޮތްކަމަށް ބެލެވިފައިނެތަސް ވެކްސިން ދިނުން ހުއްޓުވަނީ އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ނަމަވެސް އައެލޭންޑްގެ މިނިސްޓަ އޮފް ސްޓޭޓް ފޯ މެންޓަލް ހެލްތް އެންޑް އޯލްޑާ ޕީޕަލް ވިދާޅުވިގޮތުގައި އެ ގައުމުގެ އަމާޒަކީ މޭ މަހުގެ މެދުތެރެއާ ހަމަޔަށް އާބާދީގެ 70 އަހަރުން މަތީ މީހުންނަށް ވެކްސިން ޖަހާއި ނިންމުނެވެ.
މިފަދަ ކޭސްތަކާ ގުޅިގެން ވެކްސިންގެ ދިފާއުގައި އެސްޓްރާޒެނެކާއިން ބުނީ ވެކްސިންގެ އެނަލައިސިސް އިން ދައްކާގޮތުގައި "ޕަލްމަނަރީ އެމްބޮލިޒަމް"، "ތްރޮމްބޮސިސް" ފަދަ ކަމެއް ދިމާވުމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް ކަމަށެވެ.