ގާތްގަނޑަކަށް 40 އަހަރަށް ދެމިގެންދިޔަ ފިނި ހަނގުރާމައަކީ ދުނިޔޭގެ ތާރީހުގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވުނު އެންމެ ވަރުގަދަ އެއް ހަނގުރާމަ އެވެ.
އެ ހަނގުރާމައާ ގުޅޭ ކަންކަމަކީ މިއަދުވެސް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބޭ ކަންކަމެވެ. އެފަދަ ކަމެއް ދާދި ފަހުން ވެސް މިވަނީ ފެންމަތިވެފަ އެވެ.
ނާސާގެ ސައިންސްވެރިންތަކެއް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްގެ ތެރެއިން ފިނި ހަނގުރާމައިގައި އެމެރިކާއިން ބޭނުންކުރި އަސްކަރީ ބޭސްއެއް ވަނީ ފެނިފަ އެވެ.
ގްރީން ލޭންޑުން ފެނުނު އެ އަސްކަރީ ބޭސްއަކީ އެމެރިކާއިން ރަޝިއާއަށް ބެލިސްޓިކް މިސައިލް ފޮނުވަން ތައްޔާރުކުރި ލޯންޗް ސައިޓެކެވެ. އެހެން ނަމަވެސް މޫސުމީ ގޮންޖެހުންތައް ކުރިމަތިވެ އެމެރިކާއިން ވަނީ އެ ޕްރޮޖެކްޓް ހުއްޓާލާފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ނާސާގެ ސައިންސްވެރިންނަށް އެ ސައިޓް ފެނިފައިވަނީ ގަނޑުފެނުގެ 100 ފޫޓު އަޑީގައި ވަޅުލެވިފައި ވަނިކޮށެވެ.
ކޭމްޕް ސެންޗަރީގެ ނަމުން ނަން ދެވިފައިވާ އެ ސައިޓު ހިމެނޭ ބިމުގެ މިލްކުވެރިކަން ލިބިފައިވަނީ ޑެންމާކަށް ކަމަށް ވުމާއެކު ގްރީން ލޭންޑުން ވަނީ އެތަނުގެ ޒިންމާ ނަގަން ޑެންމާކަށް ގޮވާލާފަ އެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ފަހުކޮޅު އޭނާ ވަނީ އެ ކޭމްޕް ގްރީންލޭންޑް ގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ.