ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށި ބޯހިޔާވަހި ކަމުގެ މަޝްރޫއު "ހިޔާ" މަޝްރޫގެ ދަށުން ފްލެޓް ދިން ގޮތާ ގުޅޭގޮތުން ރާއްޖެ ޓީވީން ދޮގު ޚަބަރު ފެތުރިކަން ހާމަވެއްޖެއެވެ.
ރާއްޖެ ޓީވީން ގެނެސްދިން ޚަބަރެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ގެ އާއިލާގެ ފަސް މީހަކަށް އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް އަބުޅޯ ވަނީ އެކަން ދޮގު ކުރައްވާފައެވެ.
އާއިލާގެ މީހުންގެ ފޮޓޯއާ އެކު އަބުޅޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއިން އެއްވެސް މީހަކަށް ފްލެޓް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާގެ އާއިލާގެ މީހަކަށް ފްލެޓް ލިބުނު ކަމަށް ބުނާއިރު، އެ ލިބުނު މީހެއްގެ ނަން ރާއްޖެ ޓީވީން ހާމަކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބުޅޯ އެފަދައިން ޓްވީޓް ކުރުމުން ރާއްޖެ ޓީވީން ވަނީ އެ ސްޓޭޝަންގެ އޮންލައިން ނޫހުގައި ލިޔެފައިވާ ޚަބަރުގެ އެބައި އުނިކޮށްފައެވެ.
އެކަމާ ގުޅިގެން އަބުޅޯ ވިދާޅުވީ އިތުބާރު ހުރި މަސްދަރުން ކަށްބުނެ ދޮގު ޚަބަރުތައް ބްރޯޑް ކާސްޓްކޮށް އަބުރު ކަތިލުމަށްފަހު ޚަބަރުން އެބައި އުނި ކުރުމަކުން ނުފުދޭ ކަމަށާއި އެކަމުގެޒިންމާ ނަގައި އެފަދަ މައުލޫމާތު ހާމަ ކުރެވުނުގޮތް ހާމަ ކުރަންޖެހޭނެ ކަމަށެވެ. އަދި ޒިންމާދާރު ނޫސްވެރިކަމަކީ ކޮބާއިތޯ ވިދާޅުވެ އޭނާ ސުވާލެއް ކުރެއްވިއެވެ.
އަބުޅޯ ވިދާޅުވީ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާގެ އަބުރު ކަތިލުމަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އަދި އާއިލާގެ މެންބަރުންގެ އަބުރުވެސް ގެއްލުވާ ލެވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޒިންމާދާރު ކަމާއެކު ނޫސްވެރި ކަމުގެ ގަލަން ބޭނުންކުރަން ޖެހޭ. މަޢާފަށް އެދުމަކީ ރިވެތި އުސޫލެއެއް،" އަބުޅޯ ވިދާޅުވިއެވެ.
ވަރަށް ރީތި ވާހަކައެއް ހުރިހާ އޮންލައިންގެ ފުރަތަމަ ވާހަކައިގެ ފުރަތަމަ ބައި ހަމަ އެއްވަނައިގެ ވަހަކައެއް.♥️♥️