ސީރިއާގެ ވެރިރަށް ދިމިޝްގުގެ މައްޗަށް ހަނގުރާމަވެރިން އިއްޔެ އަތްގަދަކުރުމާއެކު އެގައުމުގެ ރައީސް ބައްޝާރުލް އަސަދު އޭނާގެ އާއިލާ އާއެކު މޮސްކޯއަށް ފުރާވަޑައިގެންވެމުން ހަނގުރާމަ ވެރިންނަށް ކާމިޔާބު ލިބުނީ ކަމަށްއ ވެދާނެ އެވެ. އެ ގައުމުގެ ރިޔާސީ ގަނޑުވަރާ އެނޫން ވެސް މުހިންމު ތަންތަނަށް ވަދެ، އެތަންތަން ހަލާކުކޮށް ލޫޓުވުން ފަދަ ކަންތައް ވަނީ ފެށިފަ އެވެ. ގައުމުގެ މަގުތަކުގައި މީހުން ތޮއްޖެހި އުފާފާޅުކުރަމުން ދަނީ އެވެ. އަސަދުގެ ފޮޓޯތަކާއި ސްޓެޗޫތައް ހަލާކުކޮށް ހުޅުޖަހައި އަންދަނީ އެވެ.
ސީރިއާގެ ވެރިރަށް ދިމިޝްގު ހިފުމަށްފަހު ހަނގުރާމަވެރިންގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޮލާނީ ތަގުރީރު ދެއްވީ ސީރިޔާގެ އެންމެ ގަދީމީ މިސްކިތް ކަމަށްވާ އުމައްޔަދު މިސްކިތުގަ އެވެ. އެ މިސްކިތަކީ، ގަދީމީ ތާރީޚާ ޚަޒާރަތު ރަމްޒު ކޮށްދޭ ބިނާއެކެވެ. އެންމެ ގަދީމީ ޒަމާނުއްސުރެ ވެސް އެއީ ތަފާތު ދީންތަކުގެ މީހުން އަޅުކަން ކުރުމަށް ބޭނުންކުރި ބިނާއެކެވެ. މުސްލިމުން ރޯމަނުންގެ އަތުން ސީރިއާ ހިފިއިރު އެއީ ރޯމަނުންގެ ފައްޅިއެކެވެ. އެ ފައްޅީގެ ބައެއް މުސްލިމުން ނަމާދުކުރުމަށްޓަކައި ބޭނުން ކުރެވެމުން އައިސް އުމަވީ ދައުލަތުގެ ހަވަނަ ޚަލީފާ ކަމަށްވާ އިބްނު ވަލީދުގެ ވެރިކަމުގައި މިހާރު އެހުރި ގޮތަށް އުމައްޔަދު މިސްކިތް ބިނާ ކުރެއްވި އެވެ. އެ މިސްކިތުގެ މަސައްކަތަށް އެތައް ހާސް މަސައްކަތު މީހުން ބޭނުން ކުރެވުނެވެ. މަސައްކަތް ނިންމާލެވުނީ ނުވަ އަހަރުންނެވެ. އެ މިސްކިތަކީ ކުރެހުންތެރިކަމާއި އިމާރާތް ކުރުމުގެ ވައްޓަފާޅިއަށް ބަލާއިރު ލާމަސީލު މިސާލެކެވެ.
އަބޫ މުހައްމަދު އަލްޖޮލާނީ ހަނގުރާމައިގެ ކާމިޔާބީ ފާހަގަކުރަން އުމައްޔަދު މިސްކިތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިމިޝްގް ފަތަހަވުމަކީ ތާރީޚީ ކާމިޔާބެއް ކަމަށެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދަކީ އަނިޔާ ވެރިއެކެވެ. ނުހައްގުން އެތައް ބަޔަކަށް އޭނާ ވަނީ އަނިޔާ ދެއްވާފަ އެވެ. އެހެންކަމުން ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނެވުން އަލްޖޮލާނީ ސިފަ ކުރެއްވީ ސީރިޔާގެ ރައްޔިތުންނަށް ލިބުނު ނަސްރެއް ކަމަށެވެ.
ސީރިޔާގެ ރައްޔިތުންނަށް ކާމިޔާބު ލިބުނު ކަމަށް ފާހަގަ މި ކުރަނީ 1963 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ބަޢަސް ޕާޓީގެ ވެރިކަން ނިންމާލެވުމުންނެވެ. އެ ޕާޓީގެ ވެރިކަމުގެ ދިގު މުއްދަތެއް ހޭދަވެފައި ވަނީ އަސަދު އާއިލާގެ ބާރުގެ ދަށުގައެވެ. 1970 އިން ފެށިގެން 2000 ވަނަ އަހަރު އޭނާ އަވަހާރަ ވަންދެން ގައުމުގެ ވެރިކަން ކުރެއްވީ ހާފިޒު އަލް އަސަދެވެ. އެއަށްފަހު ވެރިކަން ކުރައްވަމުން ގެންދެވީ ހާފިޒުގެ ދަރިކަލުން ބައްޝާރު އަލް އަސަދެވެ.
އަސަދާ ދެކޮޅަށް ހަނގުރާމަ ކުރި ގްރޫޕްތަކުން ދިމިޝްގަށް ވަނުމުގެ އިރުކޮޅެއް ކުރިން ބައްޝާރު އޭނާގެ އަނބިކަނބަލުންނާއި ދެ ދަރިކަލުންނާ އެކު ވަނީ ރަޝިޔާއަށް ވަޑައިގެންފަ އެވެ. ރަޝިޔާ ސަރުކާރުން އެ ބޭފުޅުންނަށް ރައްކާތެރިކަން ދިންކަމުގައި ވަނީ ބުނެފަ އެވެ.
ސީރިޔާގެ ވެރިކަން ވެއްޓުނީ އެއްވެސް ބަޔަކު ހީކޮށްފައި ވެސް ނުވާ ފަދަ ކުއްލި ގޮތަކަށެވެ. އިނގިރޭސި ވިލާތުގެ އިންޓެލިޖެންސް އެޖެންސީ އެމްއައި5ގެ ކުރީގެ ވެރިޔާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ހަނގުރާމަވެރިންގެ މި ކުއްލި ކާމިޔާބަކީ ޚުދު އެ ހަނގުރާމަވެރިން ވެސް އުންމީދު ކޮށްފައިވާނެ ކަމެއް ނޫން ކަމަށެވެ. އެހާވެސް ބޮޑު ހައިރާން ކަމެއް މުޅި ދުނިޔެއަށް ވެސް ވަނީ ލިބިފަ އެވެ.
ސީރިޔާގެ ސަރުކާރު ވެއްޓި ހަނގުރާމަވެރިންނަށް ކާމިޔާބުލިބުމާ އެކު ދުނިޔޭގެ ވެރިން ގެންދަވަނީ އެކި ގޮތްގޮތަށް ޚިޔާލުފާޅުކުރައްވަމުންނެވެ.
އެމެރިކާގެ ރައީސް ޖޯބައިޑަން ވިދާޅުވީ އެއީ ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި އެހެންނަމަވެސް ފަރުވާތެރި ވާން ޖެހޭނެ ކަމަށެވެ. އެމެރިކާގެ ވެރިކަމަށް އިންތިޚާބުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ސީރިޔާގެ މައްސަލަޔަށް އެމެރިކާ ނުވަންނާނެ ކަމަށެވެ. ސަބަބަކީ ސީރިއާ އަކީ އެމެރިކާގެ ރަހުމަތްތެރި ގައުމެއް ނޫންކަމެވެ. ރަޝިޔާއާއި އީރާނާއި ތުރުކީ އިން ވަނީ މި މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން އެދިފަ އެވެ. އެ ތިން ގައުމަކީ ސީރިއާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑަށް ބައިވެރިވާ ގައުމުތަކެވެ.
އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމާއެކު އިޒުރޭލުން ވަނީ ސީރިޔާގެ ގޯލާން ސަރަހައްދު ހުރަސްކޮށް ސީރިޔާގެ ބޮޑު ބަޔަކަށް ވަދެ ކޮންޓްރޯލް ކޮށްފަ އެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެހިސާބު ހިފައި ސަލާމަތީ ސަރަހައްދެއް ގާއިމުކުރުމަށް އިޒްރޭލުގެ ސިފައިންނަށް އަންގާފަ އެވެ. ހަމަ އެއާއެކު އެމެރިކާއިން އަންނަނީ ސީރިއާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނާ ގޮތުގައި އެމީހުން ހަމަލާ ދެނީ އައިއެސް ޖަމާއަތުގެ ބާރު ކަނޑުވާލުމަށެވެ.
ސީރިޔާގައި ހަނގުރާމަކުރަމުންދާ ގްރޫޕްތަކުގެ ތެރޭގައި ތުރުކީއިން އެހީވާ ސީރިޔާގެ ހަނގުރާމަވެރިންނާއި އެމެރިކާއިން އެހީވާ ސީރިޔާގެ ކުރުދީންނާއި އައިއެސް ޖަމާއަތް ހިމެނެ އެވެ. މިވަގުތަށް ބަލާއިރު ހަނގުރާމައިގައި ކުރިއަރައި ކާމިޔާބު ހޯދީ ތުރުކީގެ މަދަދު ލިބޭ ގްރޫޕެއް ކަމަށް ބެލެވެ އެވެ. އެމީހުންނާއެކު އެކީގައި ކުރުދީން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ސީރިޔާގެ ވެރިކަން ވެއްޓުނު ފަދައިން އިސްލާމީ އުންމަތުގެ އެހެން ބައެއް ގައުމުތަކުގެ ސަރުކާރުތައް ވެސް ވަނީ މާޒީގައި ވެއްޓިފަ އެވެ. ލީބިޔާގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީ އާއި އިރާގުގެ ސައްދާމު ހުސޭންގެ ވެރިކަން ވެސް ނިމުމަކަށް ގެނައީ ގައުމުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދީ ބާއްޖަވެރިކަން ގެނެސް ދިނުމުގެ ނަމުގަ އެވެ. އެހެން ނަމަވެސް އެގައުމުތަކުގެ ވެރިކަން ބަދަލުވުމަކުން ހާލަތަކަށް ބަދަލެއް ނާދެ އެވެ. ވި ނަމަ ވީ ގޯހެވެ. އެ ތަޖުރިބާއަށް ބަލާއިރު ސީރިޔާގެ މައްސަލަތައް ވެސް އެހާ ފަސޭހައިން ހަމަ ޖެހޭނެ ކަމަކަށް ނުފެނެ އެވެ. ކުއްލި ގޮތަކަށް ކާމިޔާބުވި ހަގުރާމަވެރިން ހީވެސް ނުކުރާފަދަ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުން ވެސް އެކަށީގެންވެ އެވެ. މައްސަލަ އެހާވެސް ނާޒުކެވެ. އެހެންކަމުން ސީރިޔާގެ ހަނގުރާމާގައި މޮޅުވި ބަޔަކާއި ބަލިވި ބަޔަކު ކަނޑައަޅަން އަދި އަވަހެވެ.