ހައުސިން މިނިސްޓްރީ ހުރި އިމާރާތުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ މިނސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުންތައް ނެތި ދިއުމުގެ ފުރުސަތު ބޮޑު ކަމަށް މާލޭ ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީސް ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީސް ހުންނަނީ ހައުސިން މިނިސްޓްރީގެ އެ އިމާރާތުގަ އެވެ. އެ ސެކްޝަނަކީ އުފަންވާ ކުދިން ރަޖިސްޓްރީކުރުމާއި އާބާދީއާ ބެހޭ މައުލޫމާތު ބަލަހައްޓާ އޮފީހެވެ. މި ހާދިސާއާ ގުޅިގެން މާލޭ ރަށްވެހިންގެ މުހިންމު މައުލޫމާތުތަކެއް ގެއްލިފައިވުން އެކަށީގެންވާ ކަމަށް ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން އެ ހާދިސާއާ ގުޅުވައި ސޯޝަލް މީޑިއާގައި އާންކުރި ވީޑިއޯ މެސެޖެއްގައި ނަރީޝް ވިދާޅުވީ ހުރިހާ ގެދޮރުގެ ރަޖިސްޓްރީތަކާއި، އުފަންވުމާއި މަރުވުމުގެ ރެކޯޑްތަކާއި، އާއިލީ ތާރީޚާއި، މާލޭގެ މާޒީގެ މުޅި އަރުޝީފު، އަދި ތަރައްގީގެ މަޝްރޫއުތަކުގެ ރެކޯޑްތަކާއި، ތާރީޚާ ގުޅިފައިވާ ހުރިހާ އެއްޗެއް އަބަދަށްޓަކައި ގެއްލިދާނެކަމުގެ ވަރަށް ހަގީގީ ފުރުސަތު އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ ގެދޮރުގެ ރަޖިސްޓްރީތަކާއި، އުފަންވުމާއި މަރުވުމުގެ ރެކޯޑްތަކާއި، އާއިލީ ތާރީޚާއި، މާލޭގެ މާޒީގެ މުޅި އަރުޝީފު، އަދި އަޅުގަނޑުމްނެގެ ތަރައްގީގެ މަޝްރޫޢުތަކުގެ ރެކޯޑްތަކާއި، އަޅުގަނޑުމެންގެ ތާރީޚާ ގުޅިފައިވާ ހުރިހާ އެއްޗެއް އަބަދަށްޓަކައި ގެއްލިދާނެ ކަމުގެ ވަރަށް ހަގީގީ ފުރުސަތު އެބައޮތް،" އެ ވީޑިއޯ މެސެޖުގައި ނަރީސް ވިދާޅުވި އެވެ.
މީގެ އިތުރުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ މި ކުރިމަތިވި އަލިފާނުގެ ހާދިސާއަކީ މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
ހައުސިން މިނިސްޓްރީ އާއި އެންވަޔަރުމަންޓް މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު ދެގަޑިއެއްހާއިރު ފަހުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ފުރަތަމަ ރޯވީ އެންވަޔަރުމަންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގާ މ. ގްރީން ބިލްޑިންގައި ކަމަށެވެ. އޭގެ ފަހުން އަލިފާންގަނޑު ޖެހިގެން ހުރި ހައުސިން މިނިސްޓްރީއަށް ފެތުރި އެ އިމާރާތް ހުލިވި ކަމަށެވެ.
މި އިމާރާތުގައި ރޯވީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި މި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ މީގެ އިރުކޮޅެއް ކުރިންނެވެ.