ދޮގާއި މަކަރާއި ހީލަތް ހަދައި، ދޮގު ހަބަރު ފަތުރައި، މިދިޔަ 5 އަހަރު ތެރޭގައި ރައްޔިތުންނަށް އޮޅުވާލައިގެން މާމޮޅު ނޫސްވެރިއަކަށް ހެދިގެން އައިސް މަޖިލިސް ތެރެއަށް ވަދެ ހުރި މީހަކަށް އޮޑިޓް ރިޕޯޓެއް ދިރާސާކުރަން ނޭނގޭނެ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ އިސްވެރިންގެ ބޮލުގައި އެއްވެސް އިލްޒާމެއް އެޅުވޭނެ ޖާގައެއް ނޯންނާނެ ކަމަށާއި ކުރީ ސަރުކާރުގައި ވައްކަން ކުރިނަމަ، މިއަދު އެ ސަރުކާރަށް ނިސްބަތްވާ ބަޔަކު ތިބޭނީ ފުލުހުގައި ނޫނީ އޭސީސީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދޮގާއި މަކަރު ހަދާ، ދޮގު ހަބަރު ފަތުރައި ދޮގު ހަބަރު ލިޔެ މިދިޔަ ފަސް އަހަރު ތެރޭގައި ރައްޔިތުންނަށް އޮޅުވާލައިގެން މާމޮޅު ނޫސްވެރިންތަކަކަށް ހެދިގެން އައިސް މަޖިލިސް ތެރެއަށް ވަދެ ހުރި މީހަކަށް އޮޑިޓް ރިޕޯޓެއް ދިރާސާކުރަން ނޭނގޭނެ،" އެ މަޖްލިސް މެމްބަރުގެ ނަން ވިދާޅުނުވެ ޔައުގޫބު ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރު ތެރޭގައި މަޖިލީހުގައި އޮޑިޓްތައް ކުރެވިގެންދިޔައީ އެބޭފުޅުން އިސްވެ ހުންނަވައިގެން ކަމަށާއި އަދި އެއީ އޮޑިޓަރެއް ކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ. ފޮރިން މިނިސްޓްރީގެ 10 ރިޕޯޓް 14 މިނެޓުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ކަން ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި 14 މިނެޓުން އެއްވެސް މައްސަލައެއް ހުރި އޮޑިޓް ރިޕޯޓެއް ބަލާ ދިރާސާކޮށް ނުނިމޭނެ ކަމަށެވެ.

މަޖިލީހަށް އާދެވި މާލިއްޔަތު ކޮމިޓީގެ މެމްބަރު ކަމަށް އާދެވުނު ނަމަވެސް ކުރާ ފަންނީ މަސައްކަތްތަކަކީ ކޮންމެވެސް ވަރެއްގެ އިލްމަކާއި ހުނަރަކާއި ތަޖުރިބާއެއް ލިބިގެން ކުރެވޭ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހިނގާ 20 ވަނަ މަޖިލީހުގައި އޮޑިޓާއި ގުޅޭ މައުލޫމާތު އެނގޭ ހުންނެވީ އެންމެ މެމްބަރެއްކަން ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ އެބޭފުޅާ ވެސް އެންމެ ދުވަހަކަށް މާލިއްޔަތު ކޮމިޓީއަށް ލުމަށްފަހު، އޮޑިޓާ ގުޅޭ ކަންކަން އެނގިވަޑައިގަންނަވާތީ އެބޭފުޅާ ވަކިކޮށްލެއްވީ ކަމަށެވެ. އޭގެ ބަދަލުގައި މާލިއްޔަތު ކޮމިޓީން ފުރުސަތުދިނީ ދޮގާއި މަކަރު ރައްޔިތުންނަށް ހަދަމުންދާ ބޭފުޅުންނަށް ކަމަށް ޔައުގޫބު ވިދާޅުވި އެވެ.