ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުގެ ވަޒީރުން ފެށިގެން އެމްބަސީތަކަށް ދާންދެން ސެޓްފިކެޓް ގަނެގެން މަގާމުތަކަށް ކުފޫ ހަމަނުވާ އެތަކެއް ބަޔަކު އެބަތިބި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި މިއަދު ސަރުކާރާއި މުޅި ގައުމުގެ މަސައްކަތުގެ ފެންވަރު، ޕާފޯމަންސް އަދި ކޮލިޓީ ދައްވަމުގެ މައިގަނޑު ސަބަބަކީ ފޭކް ސެޓްފިކެޓް ނުވަތަ ސައްހަނޫން ތައުލީމީ ސެޓްފިކެޓްތައް ހުރި މީހުން ދައުލަތުގެ މަތީ މަގާމުތަކުގައި ގިނަވުން ކަމަށެވެ.
ޑރ ޖަމީލް ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުން ފެށިގެން އެމްބަސީތަކުގައި ގިނަ އަދަދަކަށް ސެޓްފިކެޓް ގަނެގެން ތިބި އެތައް ބަޔަކު އެބަތިބި ކަމަށެވެ.
"މިއީ މިއަދު ރާއްޖޭގައިވެސް ސަރުކާރާއި މުޅި ގައުމުގެ މަސައްކަތުގެ ފެންވަރު، ޕާފޯމަންސް އަދި ކޮލިޓީ ދަށްވަމުގެ މައިގަނޑު ސަބަބު. ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޒީރުން ފެށިގެން އެމްބަސީތަކުގައި ގިނަ އަދަދަކަށް ސެޓްފިކެޓް ގަނެގެން ތިބި އެތައް ބަޔަކު އެބަތިބި،" ޑރ. ޖަމީލް ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ލަންކާގެ މަޖިލިސް ރައީސް، އަސޯކާ ރަންވާލަގެ ތައުލީމީ ފެންވަރާ މެދު އެގަމުގެ ރައްޔިތުން ސުވާލު އުފައްދާ އޭނާގެ ޑޮކްޓަރޭޓު ސެޓްފިކެޓަކީ ފޭކު އެއްޗެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުކުރަން ފެށުމުން އޭނާ ވަނީ އިސްތިއުފާދީފައި ވާތީ އެކަމާގުޅުވައިގެންނެވެ.
"ނިސްބަތުން މުޅި ދުނިޔެއިން ވެސް މިއަދު ރާއްޖޭގައި ފޭކު ސެޓިފިކެޓާއި ކޮލިފިކޭޝަންތައް ގިނަ. އަދި ލަންކާއިން މިގޮތަށް ގިނަ ބަޔަކު ފޭކް ސެޓްފިކެޓް ހޯދާފައިވޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ނިސްބަތުން މުޅި ދުނިޔެއިން ވެސް މިއަދު ރާއްޖޭގައި ފޭކު ސެޓިފިކެޓާއި ކޮލިފިކޭޝަންތައް ގިނަކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވަނީ ލަންކާއިން މިގޮތަށް ދިވެހިންގެ ގިނަ ބަޔަކު ފޭކް ސެޓްފިކެޓް ހޯދާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ރާއްޖޭގައި މިއަދު ބޮޑެތި މަގާމުތަކުގައި ތިބި ނާގާބިލް އެތައް ބަޔަކު ޖޯކަރުން ގޮތަށް ވެފައިވަނީ މިހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.