އިޒްރޭލުން ސީރިޔާއަށް އަތްގަދަ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ގައުމުގެ ތިން އަވަށެއް ހިފައިފި އެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުން އިޒްރޭލުން ސީރިޔާއަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށްފަހު ހިފާފައި ވަނީ ދަރާ ޕްރޮވިންސްގެ ޖަމްލާ އާއި މަޒްރާތު ބައިތު ޖިން އާއި މަޣަރު އަލްމީރު އެވެ.

ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެން ސީރިޔާއަށް އިޒްރޭލުން 450 އަށްވުރެ ގިނަ ވައިގެ ހަމަލާދީފައިވާ ކަމަށް އިނގިރޭސިވިލާތުގައި ހުންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ އެއާ ފޯސްއިން ސީރިޔާގެ އެކި ސަރަޙައްދުތަކުގައި ހުރި އަސްކަރީ އަދި ހަތިޔާރު ރައްކާކުރާ ތަންތަނަށް އަމާޒުކޮށް ގިނަ އަދަދެއްގެ ހަމަލާތައް ދީފައިވެ އެވެ. މި ހަމަލާތައް ދެމުންދިއުމާއި ގުޅިގެން ސީރިޔާގައި ވަގުތީ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ އެޗްޓީއެސްގެ ވެރިޔާ ބުނެފައިވަނީ ޤައުމަށް އެހެން ބަޔަކު ވަނުމަށް ޖާގަނުދޭނެ ކަމަށާއި ނަމަވެސް ސީރިޔާއިން އާ ހަނގުރާމައެއް ބޭނުން ނުވާކަމަށެވެ.

1974 ވަނަ އަހަރު ސީރިޔާ އާއެކު ވެފައިވާ އެއްބަސްވުން ބާތިލުވެފައިވާކަން އިޒްރޭލުން އިއުލާންކޮށް، 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިފާފައިވާ ގޯލާން އުސްބިންތަކަށް ސިފައިން ވަނީ ފޮނުވާފަ އެވެ.

ގޯލާން އުސްބިންތަކުގެ 30 އަށްވުރެ ގިނަ ތަންތަން އިޒްރޭލުން ހިފާފައިވާއިރު، އެއީ ގާތްގަނޑަކަށް 20،000 މީހުންގެ ގެދޮރެވެ. އެއީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ގާނޫނާ ޚިލާފު އަމަލެއް ކަމަށް ގިނަ ގައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ބުނަމުން ދިޔަނަމަވެސް އިޒްރޭލުން އެކަމަށް އިންކާރުކުރެ އެވެ.

އެމެރިކާއާއި ގިނަ އަރަބި ގައުމުތަކުން ވަނީ އިޒްރޭލުގެ އަމަލު ކުށްވެރިކޮށްފަ އެވެ.

ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަކީ އިޒްރޭލަށް ލިބުނު ކާމިޔާބެއް ކަމަށް ދޭހަވާ މޭރުމަކުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވާހަކަދައްކާފަ އެވެ. އަދި އިޒްރޭލުން އަންނަނީ މެދު އިރުމަތީގެ މޫނުމަތި ބަދަލުކުރަމުންކަމަށް އޭނާ ވަނީ ބުނެފަ އެވެ.