މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިގެން ދިއައީ އަގު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހައުސިން މިނިސްޓްރީ އާއި އެންވަޔާރަމަންޓް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިދުމަތްތައް ދަރުބާރުގެ އަށް ބަދަލުކޮށް, ދެމުންގެންދާ ހިދުމަތްތައް ބައްލަވާލައްވާ, މުވައްޒަފުންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގަ އެވެ.

މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

އެހެންކަމުން އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބުނު އެ ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލި ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަން ވެސް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިއައީ ކެތްތެރިކަން ކަމަށާއި އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި އެގޮތުން ފާހާނަ އިތުރުކުރުމަށާއި ކެފެޓީރިއާގެ ހިދުމަތް ދިނުމަށާއި މަދުވާ އިލެކްޓްރޯނިކްސްއާއި ކޮމްޕިއުޓާ ސިސްޓަމް ފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާފައިވެ އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ހިދުމަތްތައް ދިނުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ގަލޮޅު ސްކޫލަށް ވެސް ރައީސް ޒިޔާރަތްކުރެއްވި އެވެ.