އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ. އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމުގެ ވަގު ލިޔުން ތައްޔާރުކުރި މައްސަލައެއް ފެންމަތިވެފައި މިވަނީ ސޯޝަލް މީޑިއާގައި އެފަދަ މައްސަލައަކާއި ގުޅޭ ލިޔުންތަކެއް ލީކްކޮށްލުމާއި ގުޅިގެންނެވެ.

އެ ލިޔުން ތަކުން އެނގޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވާއިރު، ގޯތި ހަވާލުކުރަން އޭނާ އެޗްޑީސީގައި އެދިފައިވެ އެވެ. އަދި އެޗްޑީސީގެ ހުއްދައާ އެކު އޭނާ ވަނީ "ވަގު ގޯތީގައި" ވަށާފާރު ރާނާފަ އެވެ.

މިކަމާއި ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ އައްބާސް ޝަރީފް އަމުރުކުރައްވާފައިވާއިރު، ފުލުހުންނާއި އޭސީސީންވެސް ދަނީ މި މަސައްލަ ތަހުގީގު ކުރަމުންނެވެ.

އެގޮތުން ފަޒުލް އާއި ފަޒީލް ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓް ހިފެހެއްޓިކަން ފުލުހުން މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ މައްސަލައިގައި ދެން ޕާސްޕޯޓް ހިފެހެއްޓީ ކޮން ބައެއްކަން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އިތުރު ތަފްސީލް ހާމަކުރެވެން ނެތްކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން އެޗްޑީސީއާއި ހައުސިން މިނިސްޓްރީގެ އިސްބަޔަކު ވަނީ ވަޒީފާއިން އެކަހެރިކޮށްފަ އެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީގެ 9 ސިޔާސީ މުވައްޒަފެއްވެސް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ފަޒުލް އާއި އޭނާގެ ބޭބެވެސް ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. މީގެ އިތުރުން އެޗްޑީސީ ބޯޑުގެ ޗެއާމަން ފިޔަވާ ހުރިހާ މެންބަރުންވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެޗްޑީސީ ބޯޑުގައި ގިނައިން ތިބީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންކަން ފާހަގަކޮށްލެވެ އެވެ.