އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އޭނާގެ އަންހެނުން ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އެމީހުންގެ ދަރިންނާއެކު ލަންޑަނަށް ދިރިއުޅުން ބަދަލު ކުރަން އުޅޭކަން ޔަގީން ކޮށްދީފި އެވެ.

ވިރާޓްގެ ކުރީގެ ކޯޗު ރާޖްކުމާރު ޝަރުމާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ވިރާޓް އޭނާގެ އާއިލާއާއެކު ވަރަށް އަވަހަށް ލަންޑަނަށް ބަދަލުވާނެ ކަމަށެވެ.

ވިރާޓްއާއި އަނުޝްކާ މިއަހަރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ވެސް ލަންޑަނުގައި ކަން ފާހަގަ ކޮށްލެވެ އެވެ. އެމީހުންގެ ހަގު ދަރިފުޅު އަކޭއި ފެބްރުއަރީ މަހުގެ ތެރޭގައި އުފަންވެފައި ވަނީވެސް ލަންޑަނުގަ އެވެ.

މީގެ ކުރިން ވެސް ވިރާޓްއާއި އަނުޝްކާ އިންޑިއާ ދޫކޮށް އެމީހުންގެ ދިރިއުޅުން ލަންޑަނަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނު ނަމަވެސް މިހާތަނާ ޖެހެންދެން އެކަން ޔަގީންވެފައެއް ނުވެ އެވެ.

ވިރާޓްއަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މުހިއްމު ކުޅުންތެރިޔަކަށް ވާއިރު އޭނާ އަންނަނީ އެ ޓީމަށް މިހާރު ވެސް ކުޅެމުންނެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ވިރާޓް ކްރިކެޓުން ރިޓަޔާ ކުރާނެ ކަމަށް ބެލެވޭއިރު އަނުޝްކާ ވެސް ބޮލީވުޑްގެ އިތުރު ފިލްމަކަށް ސޮއި ކޮށްފައިނުވާ ކަން ފާހަގަކޮށްލެވެ އެވެ.

އެހެން ކަމުން ވިރާޓްއާއި އަނުޝްކާ ލަންޑަނަށް ބަދަލުވާން އުޅޭކަމަށް ދެކެވެމުން އަންނަ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ގިނަ ބަޔަކު ގަބޫލު ވެސް ކުރެ އެވެ.