ލޭގަނޑުވުމާއި އެސްޓްރާޒެނެކާ ވެކްސިނާ އޮތް ގުޅުމުގެ ވާހަކަތައް އިތުރުވެގެންދާ ދަނޑިވަޅެއްގައި ތަޖުރިބާކާރު ޑޮކްޓަރަކު އަލް އަރަބިޔާ އިންގްލިޝްއަށް ލޭގަނޑުވުމުގެ މައްސަލަ ދިމާވެދާނެ ކަންކަމާބެހޭ ގޮތުން މައުލޫމާތު ވަނީ ދީފަ އެވެ.
ދުބާއީގެ އަލް ހަޒްރާ ހޮސްޕިޓަލުގެ ޑޮކްޓަރު ބެހްރަޑް އެލަހީ ވިދާޅުވިގޮތުގައި ލޭގަނޑުވުމަކީ ނާރުތަކުގައި ޖެލްއެއް ފަދައިން ލޭ ހަރުވުމެވެ. ނަމަވެސް އެސްޓްރާޒެނެކާއާ ވެކްސިން ދިނުމުން ލޭގަނޑުވުމާ ބެހޭގޮތުން މައުލޫމާތު ދެއްވާފައެއް ނުވެ އެވެ.
ނާރެއްގައި ލޭގަނޑުވެއްޖެ ނަމަ ލޭ ދައުރުވުމުގައި ދަތިތަކެއްވެ، ދުޅަވުމާއި ތަދުވުން ފަދަ ކަންކަން ދިމާވާނެ ކަމަށް ޑރ. ބެހްރަޑް ވިދާޅުވެފައިވެ އެވެ. ލޭނާރެއްގައި ލޭގަނޑުވެއްޖެ ނަމަ ހާޓްއެޓޭކެއް ޖެހުމަކީވެސް ވެދާނެ ކަމެކެވެ. ނުވަތަ ސިކުނޑިއަށް ވެސް އަސަރު ކޮށް ސްޓްރޯކެއް ޖެހުމަކީ ވެސް ދިމާވެދާނެ ކަމެކެވެ.
ލޭގަނޑުވުމަށް ދިމާވާ އެކި ކަންކަން ހުރެ އެވެ. ނަމަވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ގަވާއިދުން ކަސްރަތުކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންކަން ނުކުރުމަކީ މުހިންމު ކަމެކެވެ.
ސާޖަރީއަށް ފަހު ނުވަތަ ބޮޑު އަނިޔާއެއްގެ ސަބަބުން ހަރަކާތްތެރިވެ ނޫޅެވޭ ބައެއް މީހުންނަށް ލޭގަނޑުވުމުގެ މައްސަލަ ދިމާވެ އެވެ.
ޑރ. ބެހްރަޑް ވިދާޅުވިގޮތުގައި ސިނގިރެޓް ބުއިމާއި ހިތާއި ކިޑްނީ ފެއިލިއާ އަކީ ވެސް ލޭގަނޑުވުމަށް މަގުފަހިވާ ކަންކަމެވެ. އަދި މީގެ އިތުރުން ކުރިން ވެސް ލޭގަޑުވެފައި ހުރުމާއި، ކެންސަރު ޖެހިފައި ހުރުމާއި އޮބީސިޓީ އަކީ ވެސް ރިސްކްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ވިހެއުން ކޮންޓްރޯލްކުރަން ޕިލްސް ނުވަތަ ހޯމޯން ބޭސް ބޭނުން ކުރުމަކީ ވެސް ރިސްކްތަކެކެވެ.
ވަރަށް އެކްޓިވް ވެގެން އުޅޭ މީހުންގެ ލޭގަނޑުވުމުގެ ފުރުސަތު ކުޑަވާނެ ކަމަށާއި ގިނައިރު ވަންދެން އިށީންދެ ނުއިނުމާއި ބާރު ހެދުން ނުލުމަށް ޑރ. ބެހްރަޑް އިރުޝާދު ދެއްވި އެވެ.
ގިނައިން ފެންބުއިމާ ސިނގިރެޓު ބުއިން ހުއްޓާލުމުން ވެސް ލޭގަނޑުވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އެ ޑޮކްޓަރު ވިދާޅުވެފައިވެ އެވެ. އޭގެ އިތުރުން ބޭނުން ކުރާ ކާއެއްޗެހީގައި އިނގުރު، ރީނދޫ، ވިޓަމިން އީ އަދި އޮމެގާ ތިނެއް ހުންނަ ކާނާ ބޭނުން ކުރުމަށް ވެސް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.
ޑަބްލިއުއެޗްއޯ އާއި ޔޫރަޕިއަން މެޑިސިންސް އޭޖެންސީ އިން ވިދާޅުވިގޮތުގައި އެސްޓަރާޒެނެކާ ވެކްސިނާއި ލޭގަނޑުވުމާއި ގުޅުމެއް އޮތް ކަމަކަށް ނުބެލެވެ އެވެ.
އެ މައްސަލައާ ގުޅިގެން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ އެ ވެކްސިން ދިނުން މެދުކަނޑާލާފަ އެވެ.