އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާއަކީ ލޯންޗެއް ބަންނަން ދިން ފައިސާ ކަމަށް ރިލެކްސް ފެރީ ސާވިސަސް ކިޔާ ކުންފުންޏަކުން ބުނެފި އެވެ.

ފަޒުލްގެ މައްޗަށް ތުހުމަތުކުރެވޭ އުސޫލާ ހިލާފަށް ގޯތި ދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުުހުން ފަޒުލްގެ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ގެ ބަލައި ފާސްކުރި ރޭ ފަޒުލް ދިރިއުޅޭ ތަނުން 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް އެކަން އެނގޭ މީހަކު ބުނެފައިވެ އެވެ. ނަމަވެސް އެ ފައިސާއާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ފަޒުލްގެ ހިއްސާ އޮންނަ ކުންފުންޏަކުން ތިލަފުށީގައި ލޯންޗް ބަނުމުގެ މަސައްކަތް ކުރެ އެވެ. މިގޮތުން އެ ކުންފުނިން ކުރިން ވެސް ލޯންޗެއް ބަނދެދީފައިވާ ރިލެކްސް ފެރީ ސާވިސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސާވިސްގެ ފަރާތުން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ އެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށެވެ.

https://www.facebook.com/photo?fbid=1212302293566079&set=a.846061733523472

ފަޒުލްގެ ކުންފުނިން ބަނދެދިން ލޯންޗްގެ ފެންވަރު ރަނގަޅުވުމުން ދެ ވަނަ ފަހަރަށް ލޯންޗެއް ބަނުމަށް މިދިޔަ އަހަރު ކުރީކޮޅު މަޝްވަރާ ކުރެވިފައިވާ ކަމަށް ބުންޏެވެ.

".. މަޝްވަރާ ކުރެވި މި ނިމިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ އެވެ،" ރިލެކްސްއިން ކުރި ޕޯސްޓުގައިވެ އެވެ.

ފަޒުލް އާއި އެޗްޑީސީގެ ބޯޑު މެމްބަރުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފަޅާއަރާފައި ވިޔަސް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން އެ މައްސަލަތައް ތަހުގީގެއް ނުކުރެ އެވެ. ހަމައެކަނި ތަހުގީގު ކުރަނީ ފަޒުލްގެ ބޭބެއަށް ނުހައްގުން ވަގަށް ގޯއްޗެއްދިން މައްސަލަ އެކަންޏެވެ. އެ މައްސަލަ ތަހުގީގުކުރަން ފެށީ ސަރުކާރަށް އެކަން ދިފާއުކޮށް ވާހަކަ ނުދެއްކޭވަރުގެ ހެއްކާއެކު އެ މައްސަލަ ފަޅާއަރުވާލުމުންނެވެ.

އެޗްޑީސީގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގުކުރަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް އަމުރެއް ނުކުރައްވަ އެވެ. ފުލުހުންނާއި އޭސީސީއަށް އައްބާސް އަމުރުކުރެއްވީ ހަމައެކަނި ކުރީ ސަރުކާރުގެ މައްސަލަތަކެއް ތަހުގީގުކުރުމަށެވެ.