މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ ކަމާ އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޒް ހަވާލުވުމަށްފަހު، އެ ކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފި އެވެ.
ސީއީއޯ އެންޑްރޫ ބުރާސްފަތި ދުވަހު ނެރުއްވި މެމޯގައި ބުނެފައި ވަނީ އެ ކުންފުނީ އެއާ ޓްރެފިކް މެނޭޖްމަންޓް ޔުނިޓްގެ ނަން އެއިރޯނޯޓިކަލް އެންޑް އެއިރޯޑްރޯމް މެނޭޖްމަންޓް ސާވިސަސް (އޭއޭއެމްއެސް) އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއާއެކު ކުރިން އޮޕަރޭޝަންސް ޑިޕާޓްމަންޓުން ހިންގަމުން އައި ދެ ސެކްޝަން ކަމަށްވާ އެއިރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި ފިއުލް ސާވިސަސް އޭއޭއެސްއެމްގެ ދަށަށް ބަދަލުކޮށްކޮށްފައިވާ ކަމަށެވެ.
"މީގެ ސަބަބުން އެއީރޯނނޯޓިކަލް އަދި އެއިރޯޑްރޯމް ހިދުމަތްތައް އެއް ޑިޕާޓްމަންޓަކުން ކުރިޔަށް ގެންދެވުމާއެކު އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ކަންކަމަށް އިތުރު ސަމާލުކަންދީ ހަރުދަނާކުރުމަށް ވެސް މަގުފަހިވެގެންދާނެ،" އެންޑްރޫގެ މެމޯގައި ބުނެފައިވެ އެވެ.
އެ މެމޯގައި ބުނެފައި ވަނީ އެމްއޭސީއެލްގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު އުފެއްދި އާ ޑިޕާޓްމަންޓާއި ފިއުލް ސާވިސަސް ވަގުތީ ގޮތުން ހިންގަވާނީ ޖެނެރަލް މެނޭޖަރު އިބްރާހިމް ތާހާ ކަމަށެވެ.
ތާހާ އަކީ ކުރިން އެއާ ޓްރެފިކް މެނޭޖްމަންޓް ސާވިސްގެ ޖެނެރަލް މެނޭޖަރު އެވެ. އެ ޑިޕާޓްމަންޓްގެ ދަށުން އޮންނަނީ ތިން ޔުނިޓެވެ. އެއީ އެއާޓްރެފިކް ސާވިސަސް، އެއިރޯނޯޓިކަލް އިންފޮމޭޝަން އަދި އެއާޓްރެފިކް އިންޖިނިއަރިން އެވެ. އަލަށް އެ ޑިޕާޓްމަންޓަށް އިތުރުވީ އެއީ ގްރައުންޑް ގްރައުންޑް އެއިޑްސް އަދި ފިއުލް ސާވިސް އެވެ.
މީގެ އިތުރުން ކޮވިޑާ ގުޅިގެން އޮފީސް މުވައްޒަފުންނަށް ދިން ލުއިތަކަށް ބަދަލުތަކަށް ގެނެސް، މާދަމާއިން ފެށިގެން އޮފީސް ހެނދުނު 9:00ން ހަވީރު 4:00 އަށް ހުޅުވަން ވަނީ ނިންމައިފަ އެވެ.
އެމްއޭސީއެލްގެ ސީއީއޯކަމާ އެންޑްރޫ ހަވާލުވީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އެވެ.