މެޑްރިޑް (21 މާޗު) – ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާގެ ދެ ލަނޑާއެކު، ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަ ވީގޯ އަތުން 3-1 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެެވެ.
ބެންޒެމާ ވަނީ ފުރަތަމަ ހާފުގައި ރެއާލަށް ދެ ލަނޑު ޖަހައިދީފަ އެވެ. މި ދެ ލަނޑުގައި ވެސް އެސިސްޓްކުރީ ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫސެވެ.
މެޗުގެ 40 ވަނަ މިނިޓުގައި ސެލްޓާގެ ސަންޓި މިނާ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ރެއާލް އިން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ އިތުރު ވަގުތުގައި މާކޯ އެސެންސިއޯ ޖަހި ލަނޑުންނެވެ.
މި މޮޅާއެކު ރެއާލް ވަނީ ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އަދި ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާދެމެދު އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ.
ލީގުގައި ބާސާ އާއި އެތުލެޓިކޯ ކުޅެންޖެހޭ މެޗުތައް އޮތީ އާދިއްތަ ދުވަހުގެ ރޭ އެެވެ. – ބީބީސީ