ދަ ޑިމޮކްރެޓްސް ޕާޓީގެ މަސައްކަތްތައް ދެން ފެނިގެންދާނީ މާ ގަދަކޮށް ކަމަށް، އެ ޕާޓީގައި އިސްކޮށް އުޅުއްވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްގައި އުޅުއްވި އިސް ބޭފުޅުންތަކެއް އެ ޕާޓީ ދޫކޮށް އެމްޑީޕީއާ މިހާރު ވަނީ ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ހިމެނެނީ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ ޑިމޮކްރެޓްސް ފެއިލްވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެ ޕާޓީގެ ކުރީ ސަފަށް މިހާރުވެސް ޒުވާނުން ނިކުމެ ތިބިއިރު، ޑިމޮކްރެޓްސްގެ މުސްތަގުބަލު ފެންނަނީ ވަރަށް އަލިކޮށް ކަމަށެވެ. އަދި ހަރާބުވެފައިވާ ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑު ބަދަލުކުރަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއްގައި ދެމި ތިބޭނެ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން ޕާޓީގެ ވިސްނުމާއި، ސިޔާސަތާއި އަދި ފަލްސަފާ ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްގެންދާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ލީޑަޝިޕަށް މިވަގުތު ހުސްކަމެއް އައިސްފައިވީ ނަމަވެސް މާދަމާ ރޭ އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އާ ލީޑަޝިޕަކާއެކު އާ މަސައްކަތްތަކެއް ފަށާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީ ފަނޑެއް ނުވާނެ. މި އައި ބަދަލާއެކީގައި ހަމަ ޔަގީންކަން ދެން މެމްބަރުންނަށް، މި ޕާޓީ މާ ގަދަކޮށް އާ ހިތްވަރަކާއި އާ ހަކަތައަކާ އެކީގައި ހިނގާތަން ފެންނާނެ،" ވައްޑެ ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވަނީ އެ ޕާޓީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުން ދިޔައީ ހިޔާލުތަފާތުވުމެއް އޮވެގެން ނޫން ކަމަށާއި އެއީ އެ ބޭފުޅުންގެ އަމިއްލަ ނިންމުމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.