މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް ތަކަށް ގެއްލުންވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި އެވެ.

މިމައްސަލަ ހުށައެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމްއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ކޮވިޑާ ގުޅިގެން ހޮޓާ ވިޔަފާރިތައް ބަނގުރޫޓްވެ އަލުން ކޮޅަށް ޖެހުމަށް ވެސް މިހާރު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ދިގުދެމިގެން ގޮސް ވިޔަފާރި ހާއްސަކޮށް ގްރޭޓާ މާލެ އޭރިއާގައި ވަނީ މުޅިން ހުއްޓުމަކާ ހަމައަށް ގޮސްފައި. ގައުމުގެ އާންމު އިގްތިސާދުން މިކަމުން ފޯރާ ގެއްލުން ގިނަ ގުނަ" ސަލީމް ވިދާޅުވި އެވެ.

މިމައްސަލައިގައި، އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން މިގޮތުން ލާޒިމް ކޮށްގެން ވިޔަފާރި ބަންދުކުރަން ޖެހުނު ވަގުތުތަކުގައި ގެއްލުނު އާމްދަނީ އަށް އެކަށީގެންވާ ބަދަލެއް ދިނުމާއި، ސަރުކާރުން ކުއްޔަށްދީފައި ތަންތަނުން ކުލި ލުއިކޮށް ދިނުމާއި، އެކަށީގެންވާ މުއްދަތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ނުކަނޑާނުވާނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށާއި، ޖީއެސްޓީ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމަށާއި، އެހެން ވިޔަފާރިތަކާ ތަފާތު ކުރުމެއްނެތި، އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކެއުން ބުއިމުގެ ޚިދުމަތްދޭ ތަންތަނަށް ޚިދުމަތްދެވޭނެ ގޮތަށް ގަޑިތައް ކަނޑައެޅުމަށް ވަނީ ގޮވާލާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހުނު ނަމަވެސް، ކޮވިޑު ވަބާއަށް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައި، ވިޔަފާރިތައް ބަނގުރޫޓުވާން ދޫކޮށްލަންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ސަލީމު ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލަކީ ކުއްލިއަކަށް ކުރިމަތިވާ ކަމަކާ ގުޅިގެން ދިމާވާ ހާލަތެއް ކަމަށާއި، ކަމެއް މެދުވެރިވެ އެތައް ދުވަހެއް ފާއިތުވެ، އެކަމާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރައްޔިތުންނަށް އެނގި މޭރުންވުމަށްފަހުގައި ކުއްލި ނުރައްކަލުގެ ހާލަތެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ސަލީމު ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަކަމަށް 24 މެމްބަރަކު ވޯޓު ދެއްވި އެވެ.

ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ގަޑިއާއިމެދު އެ ސިނާއަތުގެ ބޭފުޅުންގެ ކަންބޮޑުވުމާއިއެކު އެޗްޕީއޭއިން ވަނީ އެތައްތަން ބަންދުކުރާ ގަނޑިއަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު ރޭގަނޑު 10:30 އާއި ހަމަޔަށް ހޮޓާ، ކެފެޓޭރިއް އަދި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް ގައިޑްލަނަށް ވަނީ ބަދަލު ގެނެސްފައެވެ.