ނޯތު ކޮރެއާގެ ކުށްވެރިއަކު މެލޭޝިއާއިން އެމެރިކާއާ ހަވާލުކުރުމުން، ހިތްހަމަނުޖެހިގެން ސިޔާސީ ގުޅުން ކަނޑާލައި އެ ގައުމުގެ ޑިޕްލޮމެޓުން މެލޭޝިއާގައި ހުރި އެމްބަސީ ހުސްކޮށް، ފައިބައިފި އެވެ.
ނޯތު ކޮރެއާ އެމްބަސީން އެ ގައުމުގެ ދިދަ ބާލައި އެ އެމްބަސީގައި ހަރުކޮށްފައި ހުރި ނަންބޯޑު ވެސް ވަނީ ނައްޓާލައިފަ އެވެ. ޑިޕްލޮމެޓުންނާއި އެ މީހުންގެ އާއިލާތައް އެއާޕޯޓަށް ދަތުރު ދެ ބަހެއްގަ އެވެ. އަދި ނޯތު ކޮރެއާއަށް ފުރީ ޗައިނާގެ ޝަންހައީ މަގުންނެވެ.
މެލޭޝިއާ އާއި ނޯތު ކޮރެއާ އާ އޮތް ގުޅުން އެންމެ ފަހުން މެދުކެނޑިފައި ވަނީ، 2017 ވަނަ އަހަރު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އެއްބަފާ ކޮއްކޮ މެލޭޝިއާގެ ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުގައި މަރާލުމާ ގުޅިގެންނެވެ.
ނޯތު ކޮރެއާގެ މުން ޗޮލް މިޔޮން ކިޔާ އެ ކުށްވެރިޔާ އެމެރިކާއާ ހަވާލު ކުރިތާ ދެ ދުވަސް ފަހުން ނޯތު ކޮރެއާއިން ވަނީ އެ ގައުމުން މެލޭޝިއާ އާ ސިޔާސީ ގުޅުން ކަނޑާލާނެކަން ހުކުރު ދުވަހު އިއުލާން ކޮށްފަ އެވެ. އެކަމާ ގުޅިގެން މެލޭޝިއާގައި ތިބި ނޯތު ކޮރެއާގެ ޑިޕްލޮމެޓުން 48 ގަޑިއިރު ތެރޭގައި އެ ގައުމު ދޫކޮށް ދިއުމަށް މެލޭޝިއާއިން އަމުރުކޮށްފައިވެ އެވެ.
މެލޭޝިއާގައި ހުރި ނޯތު ކޮރެއާގެ ކައުންސިލާ ކިމް ޔޫ ސޮންގް ވިދާޅުވިގޮތުގައި މެލޭޝިއާއިން ހިންގާފައިވާ އަމަލަކީ މައާފްނުކުރެވޭ ވަރުގެ ކުށެކެވެ. އަދި އެމެރިކާއާ ގުޅިގެން ނޯތު ކޮރެއާ ބާކީކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެސް އޭނާ ކުރި އެވެ.
ނޯތު ކޮރެއާއިން ބުނިގޮތުގައި މަނީ ލޯންޑްރިންގެ ތުހުމަތުގައި އެމެރިކާއިން ވަނީ އެ ގައުމުގައި ގާނޫނާ ހިލާފަށް "ޖަރީމާއެއް" ހިންގައިފަ އެވެ. އަދި އެކަމުގެ ބަދަލު އެ ގައުމުން ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މެލޭޝިއާ އާއި ނޯތު ކޮރެއާ އިން ސިޔާސީ ގުޅުން ކަނޑާލުމަކީ ޖޯ ބައިޑެން އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވުމުން އެކަމުގެ ރުޅީގައި ކޮރެއާއިން ކުރި ކަމެކެވެ.
ނޯތު ކޮރެއާއިން ބުނާ ގޮތުގައި އެ ގައުމުގެ ވެރިރަށް ޕިޔޮންޔޭންގްއާ ދޭތެރޭ ކަނޑައަޅާފައި އޮތް "ރަހީނުކުރުމުގެ" ޕޮލިސީ އުވާނުލާހާ ހިނދަކު އެމެރިކާއާ އެއްވެސް ކަމަކާ އެ ގައުމުން މަޝްވަރާއެއް ނުކުރާނެ އެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ނޯތު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ލުއިކޮށް، އިގްތިސާދީ ހާލަތު ރަގަޅު ކުރުމަށް ހާރިޖީ ގުޅުންތައް އަލުން އިއާދަކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
މެލޭޝިއާއިން ބުނިގޮތުގައި އެ ގައުމުން މުން ޗޮލް މިޔޮން އެމެރިކާ އާއި ހަވާލުކޮށްފައި ވަނީ އެ ގައުމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު އެވެ. މެލޭޝިއާގައި ދިހަ އަހަރުވަންދެން ދިރިއުޅުނު މުން ޗޮލް މިޔޮންގް ހައްޔަރު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ މޭ މަހު އެވެ. އަދި އޭނާ ވަނީ އެމެރިކާއިން ކޮށްފައިވާ މަނީ ލޯންޑްރިންގެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.
ނޯތު ކޮރެއާއިން ދިޔައީ އެ ގައުމުގެ އިގްތިސާދީ ބޭނުންތަކަށް މެލޭޝިއާ ބޭނުން ކުރަމުންނެވެ. ނަމަވެސް އެ ގައުމު ލީޑަރުގެ ކޮއްކޮ މެލޭޝިއާގައި މަރާލުމާ ގުޅިގެން އެ ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
ނޯތު ކޮރެއާގެ ލީޑަރުގެ ކޮއްކޮ ކިމް ޖޮންގް ނަމްގެ މަރާ ގުޅިގެން އިންޑޮނޭޝިއާ އަދި ވިއެޓްނާމްގެ ދެ އަންހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ނޯތު ކޮރެއާގެ ހަތަރު މީހަކު ވެސް ވަނީ އެ މަރާ ގުޅިގެން ދައުވާ އުފުލައިފަ އެވެ. ނަމަވެސް މި ހަތަރު މީހުން ވަނީ ކިމް މަރުވި ދުވަހު މެލޭޝިއާ ދޫކޮށް ފިލައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ އަންހެނުން ވެސް ފަހުން ވަނީ މިނިވަންކޮށްފަ އެވެ.
ނޯތު ކޮރެއާގެ އަތެއް އެ މައްސަލަ އޮތް ކަމަށް މެލޭޝިއާއިން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، ކޮންމެސް ވަރެއްގެ ގުޅުމެއް އޮތް ކަމަށް ޕްރޮސެކިއުޓަރުން ފާހަގަ ކޮށްފައިވެ އެވެ. އަދި ނޯތު ކޮރެއާއިން އެކަމާ ދެކޮޅު ހެދި ނަމަވެސް، ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ސިޔާސީ ވާދަވެރިކަން ނައްތާލަން ކިމް ޖޮންގް އުން ވަނީ އޭނާގެ ކޮއްކޮ މަރާލަން އަމުރު ކޮށްފަ އެވެ.