އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރޝިޕް ފޯމުތައް ހުށަހެޅުމުގައި ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް މަކަރުވެރި އަމަލު ތައް ހިންގަމުންދާތީ ޓްރާސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވަގު ފޯމުތަކުގެ މައްސަލަ ބަލަން ޓްރާންސްޕޭރަންސީ އިން ގޮވާލައި ބަޔާނެއް ނެރެފައި މިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ވަގަށް މެމްބަރުން އިތުރު ކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސް ވަގަށް ބޭނުންކޮށް ސޮއި ފޯޖުކޮށް ދޮގު ހެކިދީ މީހުންނަށް ނޭނގި އެތައް ބަޔަކު އެ ޕާޓީ އަށް ވެއްދި ކަމުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ރެކޯޑު ތަކުންނާއި އަމިއްލަ ފަރާތްތަކުގެ މައުލޫމާތު ނަހަމަ ގޮތުގައި ހޯދާ ބޭނުން ކުރުމަކީ ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ހައްގަކަށް އަރައިގަނެވޭ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އަދި މި ޢަމަލުތަކަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށްވުމުގެ އިތުރުން، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ އާއި 30 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ޙައްޤާއި ޚިލާފް ކަމެއް ކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ސިޔާސީ ޕާޓީ އަކަށް ވަނުމާއި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ އިޚްތިޔާރު ކުރާ ހައްގު ކޮންމެ ރައްޔިތަކަށްވެސް މިނިވަން ކަމާއެކު ބޭނުން ކުރެވެން ވާނެ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ.

ސިޔާސީ ޕާޓީއަކާއި ގުޅުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި އަދި މިއީ ހޭލުންތެރިކަމާއެކު އަމިއްލަ އިޚްތިޔާރުގައި ނިންމަންޖެހޭ ކަމެއްކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ ރެކޯޑްތަކުންނާއި އަމިއްލަ ފަރާތްތަކުގެ ރެކޯޑުތަކުން ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ހޯދާ ބޭނުން ކުރުމަކީ ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ހައްގަށް އަރައިގަނެވޭ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެ ޖަމްއިއްޔާ އިން ފާހަގަ ކުރުމުގެ އިތުރުން، ވެރިފަރާތުގެ އެއްވެސް ހުއްދައެއް ނުވަތަ ރުހުމަކާ ނުލައި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތައް ނިޒާމު ބައްޓަން ކުރެވިފައި މިވަނީ ކީއްވެގެން ތޯ ދެނެގަތުމަށާއި މިފަދަ އަމަލު ތަކުގައި ބައިވެރިވެ ތަރުހީބުދޭ އަމިއްލަ ފަރުދުންނާއި މުއައްސަސާ ތައް އަދި ޕާޓީ ތަކާ މެދު އަޅަންޖެހޭ ސުލޫކީ އަދި ގާނޫނީ ފިޔަވަޅު އެޅުމަށް އަވަސް އަދި މިނިވަން ތަހުގީގެއް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ޖަމްއިއްޔާ އިން ދެކޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމާއި، މެމްބަރުންނަށް ނޭނގި އެމީހުންގެ ޕާޓީ ބަދަލު ކުރުމަކީ މީޑިއާތަކުންނާއި ވަކިވަކި ފަރުދުން ތަކުރާރުކޮށް ރިޕޯޓު ކޮށްފައިވާ މައްސަލަ އެއް ކަމަށް ވީ ނަމަވެސް ޒާތީ މައުލޫމާތު ބޭނުން ކޮށްގެން އަސާސީ ހައްގުތަކާ ޚިލާފުވުމާ ގުޅިގެން އެއްވެސް ޕާޓީ އަކަށް ވެސް އަދި މުއައްސަސާ އަކާމެދު އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނީ ތަމްސީލީ ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީތަކަކީ ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ މުހިންމު ބަޔަކަށް ވާއިރު، ސިޔާސީ ޕާޓީ ތަކަކީ އަޚްލާޤީ މިންގަނޑުތައް ދަމަހައްޓާ، ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްތަކާއި ސިޔާސަތުތައް ގެންގުޅެން ޖެހޭ ފަރާތްތަކެއްކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި، ޚާއްޞަކޮށް އަމިއްލަ މަޢުލޫމާތާއި ސެންސިޓިވް ޑޭޓާ ބެލެހެއްޓުމުގައި، ވަރުގަދަ އިންޓަރނަލް މެކޭނިޒަމްތަކެއް ޕާޓީގެ އެތެރޭގައި ގާޢިމުވެފައި އޮތުމީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ޓްރާންސްޕޭރަންސީން ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ މިނިވަން މުއައްސަސާތަކަކީ، އެތަންތަނުގެ މުސްތަޤިއްލު މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ޙަރަކާތްތައް ބެލެހެއްޓުމާއި، އަސާސީ ޙައްޤުތައް ރައްކާތެރިކުރުމާއި، ހާމަކަން ކަށަވަރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ ފަރާތްތަކެއް ކަމަށެވެ. އަދި މިނިވަން އަދި އިންސާފުވެރި އިންތިޚާބުތައް ކަށަވަރުކުރުމުގެ މެންޑޭޓް އޮންނަ އިލެކްޝަންސް ކޮމިޝަނުން، ސިޔާސީ ޕާޓީތަކަށް މެމްބަރުން ރަޖިސްޓަރީ ކުރުމުގައި މަޖުބޫރު ކުރުވުމެއް ނުވަތަ އޮޅުވާލުމެއް ނެތްކަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޓްރާންސްޕޭރަންސީ އިތުރަށް ބުނެފައިވަނީ އާންމުންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، މި ޚިލާފުވުންތަކަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށެވެ. ރައްޔިތުންގެ ހައްގުތަކާ ގުޅޭ މިފަފަ ކަންކަމުގައި އަވަސް އަދި މައުނަވީ ހައްލު ހޯދައި ދިނުމަކީ ސިޔާސީ މުއައްސަސާތަކުގެ އިތުބާރު އިތުރުކުރުމަށް ކުރެވޭނެ ކަމެއްގެ އިތުރުން، ރައްޔިތުން އިޚްތިޔާރުކުރާ ސިޔާސީ ޕާޓީއަކަށް މިނިވަންކަމާއެކު ގުޅުމުގެ ޙައްޤު ރައްކާތެރިކުރުމަށް ކުރެވޭނެ ކަމެއްކަމަށް ވެސް އެ ޖަމްއިއްޔާގެ ބަޔާނުގައި ވެއެވެ.

ޓްރާންސްޕޭރަންސީ ނެރުނުގެ ބަޔާނުގައި އިތުރަށް ބުނީ ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމަށް އޮޅުވާލައިގެން މެމްބަރުން ރަޖިސްޓަރީ ކުރަމުންދާ މައްސަލަ، ޚާޢްސަ މައްސަލަ އެއްގެ ގޮތުގައި ބަލައި އިލެކްޝަންސް ކޮމިޝަނުން ހާމަ ކަންބޮޑު ފުރިހަމަ ތަހުގީގެއް ކޮށް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާކަމަށެވެ.

އެގޮތުން މީހުންގެ ރުހުމާ ނުލައި މަކަރާއި ހީލަތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ހުށަހަޅާ ބަލައިގަންފައިވާ ރައްޔިތުންގެ ރެކޯޑުތައް ފުހެލުމާއި ޖަވާބުދާރީވުމާއި ހާމަކަން ކަށަވަރު ކުރުމަށްޓަކައި އެކަށީގެންވާ ޗެކްސް އެންޑް ބެލެންސާއެކު ސިޔާސީ ޕާޓީތަކުގެ އިންޓަރނަލް މެކޭނިޒަމް ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޝަކުވާ ހުށަހެޅުމާއި ޙައްލު ހޯދުމަށް ހުރި ނިޒާމުތައް ހަރުދަނާ ކުރުމާއި، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބަލަހައްޓާ ދައުލަތުގެ އަދި އަމިއްލަ މުއައްސަސާތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ހިމެނޭ ހަރުދަނާ ޑޭޓާ ޕްރޮޓެކްޝަން ޤާނޫނެއް އެކުލަވާލާ ތަންފީޒުކުރުމަށް ވެސް އެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ވެއެވެ.