ވަގުފޯމް ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މައްސަލަ އަކީ ވަރަށް ފަސޭހައިން ބެލެން އޮތް ޖިނާއީ މައްސަލަ އެއް ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ވަގު ފޯމް ފުރައިގެން ޕީއެންސީ އަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވައްދާފައިވާ މައްސަލައިގައި އާދިއްތަ ދުވަހު ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނަށް މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން، މިއީ ޖިނާއީ މައްސަލަ އެއް ކަމަށާއި ވަރަށް ފަސޭހަކަމާއި އެކު އެ ޖިނާއީ ތަހުގީގު ހިންގެން އޮތް ކަމަށް ގަބޫލުކުރައްވާ ކަަމަށް ވެސް އިމްތިޔާޒް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު ފޯމް ފުރާފައިވާ މީހާގެ މައުލޫމާތާއި ފޮޓޯއާ ދިމާ ނުވާ މައްސަލަތައް ވަގު ފޯމްގެ ތެރޭގައި ފާހަގަވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިހާ ސީރިއަސް ކަމެއްގައި ސަރުކާރުން މިކަމާއި ކަންބޮޑުވެގެން އުޅުއްވާތަން ނުފެންނަ ކަމަށާއި އެއީ ޑިމޮކްރެޓްސް އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

ސަރުކާރުން މިކަމާ މެދު އިސްވެ މައުލޫމާތު އޮޅުންފިލުވާދިނުމަކީ މުހިންމުކަމެއްކަމަށް ޤަބޫލު ނުކުރާކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ވަގު ފޯމްތަކެއް ފުރައިގެން މިހާ ފުޅާކޮށް ވަގަށް މީހުން ޕާޓީއަށް ވެއްދުމުގެ މައްސަލަ އެއް ފެންމަތިވުމުން ސަރުކާރުން އެކަމަށް ޖަވާބުދާރީނުވާތީ އެކަމާ މެދު އިމްތިޔާޒް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީގެ 700 އެއްހާ މީހުން އޮޅުވާލައިގެން ޕީއެންސީ އަށް ވައްދާފައިވާ ކަމަށެވެ. އަދި އެކަން ފާހަގަވީ ޑޭޓާބޭސްއަށް ބެލުމުން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ޑިމޮކްރެޓްސްގެ މީހުން ވެއްދި މައްސަލަ ފެންމަތިވެފައިވާ އިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފުލުހުންނަށް މިފަދަ މައްސަލަތަކެއް ހުށަހަޅާފަ އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސް ބޭނުން ކޮށްގެން މީހުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ވަގު ފޯމު ފުރި މައްސަލަ ތަހުގީގު ކޮށް ދިނުމަށް އެމްޑީޕީ އިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފަ އެވެ.