ރަސްމާލެ ހިއްކަން ހަވާލުކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ބަދަލު ހޯދަން މައްސަލަ ހުށަހަޅަން އުޅޭ ކަމަށް ފަތުރާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.
އެކަމަކު ސީއެމްސީއާ އެކީ އެޗްޑީސީން ސޮއިކުރި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި, 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ގެ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ކުރުމުން، އެ މައްސަލައިގައި އާބިޓްރޭޝަނަށް ނުދާން ސީއެމްސީއިން އެއްބަސްވެފައިވާ ކަމަށް ވާހަކަދެކެވެ އެވެ.
އެ ވާހަކަތައް ދޮގުކޮށް ސީއެމްސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މުޅި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފުރަތަމަ އެއްބަސްވި ގޮތަށް ނުދިޔުމުން އެކަމާ ގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، ދެ ފަރާތުން އެއްބަސްވި ގޮތަށް މަސައްކަތް ވަނީ ނިންމައިފަ އެވެ. އެއީ ސައިޓް ޖޭގެ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކަމަށް ވެސް ސީއެމްސީން ބުންޏެވެ.
މަސައްކަތުގެ ބަދަލަށް ދޭން އެއްބަސްވި ބިންތައް ނުދޭ ގޮތަށް އެޗްޑީސީން ނިންމާފައިވާތީ، ރަސްމާލެ ސައިޓް ޖޭގެ މަސައްކަތް ކޮށްފައިވަނީ ކޮންޓްރެެކްޓާ ފައިނޭންސިންގެ މޮޑެލްގެ ދަށުން ކަމަށް ބަޔާނުގައި ބުންޏެވެ.
ސީއެމްސީން ބުނި ގޮތުގައި އެޗްޑީސީން ފައިސާ ދޭން ޖެހޭނީ ފަހުން އެއްބަސްވި ގޮތަށް ކުރާ މަސައްކަތްތަކަށް އެކަންޏެވެ. އެއީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭ ފައިސާއެއް ނޫނީ އިތުރަށް ފައިސާ ދޭ ގޮތަށް އޮތް އެއްބަސްވުމެއް ވެސް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެއީ ކިހާ މިންވަރެއްގެ ފައިސާއެއް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.
އެ ކުންފުނިން ބުނީ ސެޓްލްމަންޓުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށް ބައެއް ނޫސްތަކުގައި ލިއެފައިވީ ނަމަވެސް ސަރުކާރުގެ ފަރާތުން އެއްވެސް ފައިސާއެއް ދީފައި ނުވާ ކަމަށެވެ.
ސީއެމްސީގެ ބަޔާނުގައި ވަނީ އެ ކުންފުނީގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެދިފަ އެވެ. އަދި، މިކަމާ ގުޅޭ މައުލޫމާތު ސަރުކާރުން ނުވަތަ އެޗްޑީސީން ސާފުކޮށް އާންމުކޮށް ހާމަކުރަން ވެސް އެ ކުންފުނިން އެދިފައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރާނީ ދެފުށްފެންނަ ގޮތަށް ނަޒާހާތްތެރިކަމާ އެކުގަ އެވެ.
ސީއެމްސީން ރާއްޖޭގައި އެހެން ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ހުޅުމާލެ 3 އަދި ތިލަފުށީގެ ހަތަރު ވަނަ ބަޔާއި ދިޔަނެރު ފަޅު ހިއްކައި ރިވެޓްމެންޓް ޖެހުމާއި މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމަށް ސީއެމްސީސީއާ އެޗްޑީސީ އިން ހަވާލުކުރީ އެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެ މަސައްކަތުގެ ބަދަލުގައި ތިލަފުށިން ހިއްކާ 9.6 ހެކްޓަރު އެއްކޮށް އަދި ހުޅުމާލެ ފޭސް 3 އިން 10 ހެކްޓަރު ބިން ސީއެމްސީއަށް ލިބޭ ގޮތަށެވެ. އެއީ އެޗްޑީސީ އަށް ހުށަހަޅާ ކޮމާޝަލް ޕްލޭނެއްގެ ދަށުން، ސީއެމްސީން ހިޔާރުކުރާ ކޮންމެ ޕްލޭނެއްގެ ދަށުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ބިމުގެ ސަރަހައްދެކެވެ.
ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ކަމަށް މި ސަރުކާރުން ބުނާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު މަޝްރޫއަށެވެ. މި މަޝްރޫއުގެ ބިން ހިއްކުމާއި, ރިވެޓްމަންޓު ޖެހުމާއި, ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު, ދިރިއުޅެވޭ ފެންވަރަށް އެ ރަށް ތަރައްގީކުރަން ހަމަ އެހާ ވަރަށް ނޫނީ އެއަށް ވުރެ ވެސް ގިނައިން ހަރަދު ވާނެ ކަމަށް ލަފާކުރެވެ އެވެ.
މި އަދަދުތަކުން ހިސާބުކުރާއިރު, މުޅި މަޝްރޫއަށް 1.4 ބިިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދަކަށް ފައިސާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.